ރައީސީގެ ޖަނާޒާއަށް މިނިސްޓަރު އާދަމް ޝަރީފް އީރާނަށް ފުރާވަޑައިގެންފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުއްލަހިޔާނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރެއްވުމަށާއި އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ލޯކަލް ގަވަރްނެސް މިނިސްޓަރު އާދަމް ޝަރީފު މިރޭ އިރާނަށް ފުރާވަޑައިގެންފި އެވެ.

ރައީސީ އަވަހާރަވީ، އަޒަރްބައިޖާނުގައި އީރާނުން ހެދި ޑޭމްއެއް އިފުތިތާހު ކޮށްދެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެން މަގުމަތީގައި އެ މަނިކުފާނު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓިގެންނެވެ.

ރައީސީ އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ، އެ މަނިކުފާނު އަވަހާރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއް ކަމަށާއި ރައީސީ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ހާދިސާގައި އަވަހާރަވި ހާރިޖީ ވަޒީރު އަބްދުﷲ އާއި އެހެން ފަރާތްތަކުގެ ފުރާނަފުޅަށް ބަރަކާތް ލައްވައި ޖަންނަތުލް ފިރުދައުސްގައި ލެއްވުން އެދި ދުއާ ދަންނަވާ ކަމަށެވެ.

އަދި ރައީސީ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ތިން ދުވަހުގެ ނިޔަލަށް، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރައްވަން ވެސް ރައީސް މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.