މަސްތުވާތަކެއްޗަކީ އެހެން ހުރިހާ ފާފައަކަށް އަރައިގަތުމުގެ އަސްލު: ޚުތުބާ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

މަސްތުވާތަކެއްޗަކީ އެހެން ހުރިހާ ފާފައަކަށް އަރައިގަތުމުގެ އަސްލުކަން ބަޔާންކުރައްވައި މިއަދުގެ ހުކުރު ޚުތުބާގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މަސްތުވާ ތަކެއްޗަކީ ހަމަ ބުއްދިއާއި ހެޔޮ ވިސްނުމުން އިންސާނާ އެއްކިބާކޮށްލާ އެއްޗެއްކަން ފާހަގަކުރައްވައި މިއަދުގެ ޚުތުބާގައި ވިދާޅުވެފައިވަނީ، ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ވަބާއަކީ މަސްތުވާތަކެތީގެ ވަބާކަން ރައްޔިތުންނަށް ހަނދާންކޮށްދެއްވާފައެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރަން ފެށުމުން ހަށިގަނޑުގައިވާ އެންމެ ހިމަ ނާރުތަކަށް އޭގެ ވިހަ އަސަރުކުރާކަމާއި ފަހުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލި ނަމަވެސް، އީމާންކަން ބަލިކަށި މީހުން އަލުން އޭގެ ނުރައްކަލަށް ހުށަހެޅޭކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ނުރައްކަލެއްކަމާއި މިރާއްޖޭގެ ގިނަ ޢަދަދެއްގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވުމަކީ އިންތިހާދަރަޖައަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ވިދާޅުވަމުން މިއަދު ގެ ޚުތުބާގައި މަސްތުވާތަކެތީގެ ނުރައްކަލުގެ ތެރެއަށް ވެއްޓުމަކީ އޭގެސަބަބުން އަމިއްލަ އަތުން އަމިއްލަ ހަށިގަނޑު ހަލާކުގެތެރެއަށް ވައްޓާލުންކަން ވަނީ ބަޔާންކުރައްވާފައިވެއެވެ. އަދި ތަކުރާރުކޮށް މިމަންޒަރު ރާއްޖޭގެ މުޖުތަމައުން ފެންނަކަމީ ހިތާމަހުރިކަމެއްކަމުގައިވެސް މިއަދުގެ ޚުތުބާގައި ވިދާޅުވެފައިވެއެވެ.

”މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުންނަކީ ވަޒީފާ އަދާކުރެވޭ ވަރުގެ ބައެއް ނޫނެވެ. އެމީހުންނަށް ވަޒީފާ ދިނުމަށްވެސް މީހުން ފަސްޖެހެއެވެ. އަދި އެއިން މީހަކަށް މަސައްކަތެއްކޮށްގެން ލިބޭ އެއްޗެއްވެސް ހޭދަކުރަން މިޖެހެނީ، ތިބާއާއިި ތިބާގެ އަނބިމީހާއާއި ދަރިންގެ ލަާބައާއި މަންފާގެ ބަދަލުގައި އަމިއްލަ ހަށިގަނޑުގެ ހަލާކަށެވެ. އެހެންކަމުން މަސްތުވާތަކެތީގެ އަވާގައި ޖެހުމަށްވުރެ ވަކިން ބޮޑު ނުރައްކަލެއް އޮންނާނެހެއްޔެވެ؟“ ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ނިކުތުމަށާއި ރާއްޖެ ފަދަ ގައުމެއްގައި މަސްތުވާތަކެތީގެ ކަންކަމުގައި މަސްޣޫލުވާ މީހުންނަށް ހަރުކަށި އުޤޫބާތެއް ކަނޑައެޅުން މުހިންމުކަމަށެވެ. އެގޮތުން ތަފާތު ވަސީލަތްތައް ބޭނުންކޮށް އެންމެން ގުޅިގެން ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް މަސައްކަތްކުރަންޖެހޭކަމަށް ޚުތުބާގައި އިލްތިމާސްކުރެއްވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.