އާ މަޖިލީހަށް އިންތިހާބުވި އެންމެ ޒުވާން މެންބަރު، އަލްސަން ވެސް ޕީއެންސީ އަށް

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބުވި، މުހައްމަދު އަލްސަން، ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ކޮންގްރެސް ޕާޓީ) އަށް ސޮއިކުރައްވައިފި އެވެ.

އަލްސަން ކޮންގްރެސް ޕާޓީއަށް ސޮއިކުރެއްވީ މިއަދު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެ ރަސްމިއްޔާތުގައި އަލްސަންގެ މެމްބާޝިޕް ފޯމާއި ހަވާލުވަވަޑައިގެންނެވީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

އަލްސަން އަކީ 20 ވަނަ މަޖިލީހަށް އިންތިހާބުވި އެންމެ ޒުވާން މެންބަރެވެ.

އަމިއްލަ ގޮތުން ވާދަ ކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި އަށް މެމްބަރަކު މީގެ ކުރިން ވަނީ ޕީއެންސީއަށް ސޮއި ކުރައްވައިފަ އެވެ. އަދި އަލްސަން މިއަދު ޕީއެންސީއާ ގުޅިވަޑައިގަތުމުން އާ މަޖިލީހުގައި ތިއްބަވާނެ ޕީއެންސީ މެމްބަރުންގެ އަދަދު މިހާރު ވަނީ 75 އަށް އަރައިފަ އެވެ.

އެންޓި-ޑިފެކްޝަންގެ ގާނޫނުގައިވާ ގޮތުން އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތުގައި އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެ އެވެ. ނަމަވެސް މެންބަރެއްގެ ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، އަމަލު ކުރަންވީ ގޮތެއްއް އެ ގާނޫނުގައި ނެތެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.