އެމްއޭސީއެލްގެ އެމްޑީގެ ބައި މިލިއަން ރުފިޔާގެ ކާރު ވަގަށް ނެގި މައްސަލަ: ދެ މީހަކަށް ދައުވާކޮށްފި

މ
1 ޖުލައި 2024 19:351 މިނިޓުގެ ކިޔުން
Aa

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު ދުއްވަން ހާއްސަކޮށްފައި އޮންނަ ކާރު ވަގަށް ނެގި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

އެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ އެމްއޭސީއެލްގެ ދެ މުވައްޒަފުން ކަމަށްވާ މ. ސީނީއަސުރުމާގެ/ މުހައްމަދު ހައިޝަމް އާއި މ. މޮޑަންކޮމެޓް/ އަހުމަދު ނިޒާމުގެ މައްޗަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މީހުންގެ މައްޗަށް ދައުވާ ކުރަނީ އެމްއޭސީއެލްގެ އެމްޑީ ދުއްވަން ހާއްސަކޮށްފައިވާ 34560 އެމެރިކާ ޑޮލަރު (532،915ރ.)ގެ ކާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްރާންސްޕޯޓް އެންޑް ފެރީ ސާވިސް ބިލްޑިންގައި ޕާކުކޮށްފައި އޮއްވައި މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ވަގަށް ނަގައިގެން ގޮސްގެން، އެ ވޭންގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލައި، އެ އުޅަނދުގެ އަސްލު އޮޅުވާލަން މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.

މި މައްސަލައިގައި ނިޒާމުގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެ އެވެ. އެއީ:

  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ

  • އެއްވެސް މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުމުގެ ދައުވާ

  • މުދަލަށް ގެއްލުންދިނުމުގެ ދައުވާ

މި ތިން ދައުވާ ނިޒާމުގެ މައްޗަށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ

ހިޝާމްގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެކަންޏެވެ. އެ ދައުވާގެ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.