ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓަރު

ހަނިމާދޫ އެއާޕޯޓުގެ 67.5 ޕަސެންޓް ނިމިއްޖެ، އަންނަ މާޗަށް ނިމޭނެ

މ
18 ޖުލައި 2024 11:002 މިނިޓުގެ ކިޔުން
Aa

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދަނީ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 67.5 ޕަސެންޓް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ބައްލަވާލެއްވުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވަނީ ހަނިމާދޫއަށް ވަޑައިގެންފަ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، އެ ދަތުރުގައި ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތުގެ ނަތީޖާ ހާސިލުވަމުންދާ މިންވަރާގުޅޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރެއްވި ކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ނިންމުމަށް ސަރުކާރުގެ ފަރާތުން ކޮށްދެވޭނެ ކަންކަމާމެދު ކޮންޓްރެކްޓަރު، ކޮންސަލްޓަންޓް އަދި މަޝްރޫއުގެ ވެރިފަރާތް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ މަޝްވަރާކުރި ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން މިއަދު ވަނީ ހަނިމާދޫ އެއާޕޯޓް މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުވެސް މީޑިއާއާ ހިއްސާކޮށްފަ އެވެ. އެގޮތުން:

  • 4 ކިލޯމީޓަރު ރަންވޭ އަދި އޭޕްރަންގެ 97 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި. މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ ނޮވެމްބަރު މަހުގެ ނިޔަލަށް

  • 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލް ބިލްޑިންގެ 51.4 ޕަސެންޓް މަސައްކަތް ނިމިފައި.

  • 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައި. މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތައް

  • ފިއުލް ފާމް އަދި ފިއުލް ޖެޓީގެ މަސައްކަތް 44.5 ޕަސެންޓް ވަނީ ނިމިފައި. ޓޭންކް ރޭވުމުގެ މަސައްކަތް ދަނީ ކުރިއަށް

  • އެހެނިހެން އެންސިލަރީ ބިލްޑިންތަކުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި. ގިނަ އިމާރާތްތައް ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ

  • އެއާޕޯޓަށް ބޭނުންވާ މަގުތައް ހެދުމުގެ 50 ޕަސެންޓް މަސައްކަތް ނިމިފައި

  • މަޝްރޫއުގެ ދަށުން އިމާރާތްކުރާ އެމްއެންޑީއެފް މަރުކަޒުގެ 55 ޕަސެންޓް މަސައްކަތް ނިމިފައި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023ގަ އެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ.

އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.