ސިއްރާއި ފާޅުގައި ކުރާ އަމަލުތައް ލިޔުއްވުމަށް ކޮންމެ މީހަކާއެކު މަލާއިކަތުން ލައްވާފައިވެއެވެ.

މ
23 އޮގަސްޓު 2024 14:192 މިނިޓުގެ ކިޔުން
Aa

ސިއްރާއި ފާޅުގައި ކުރާ އަމަލުތައް ލިޔުއްވުމަށްޓަކައި ކޮންމެ މީހަކާއެކު މާތް ﷲ މަލާއިކަތުން ލައްވާފައިވާ ކަމަށާއި އެހެންކަމުން މުއުމިނުންނަކީ އަމަލުތައް ސީދާކޮށް ﷲ އަށް ތަގުވާވެރިވާ ބަޔަށް ވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”މަލާއިކަތުންނަށް އީމާންވުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނަކަށްވާއިރު އެއީ اللَّه تَعَالَى މާތްކުރައްވައިފައިވާ މަހުލޫގުންތަކެއް ކަމަށެވެ. މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ ގޮތަށް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، މަލާއިކަތުންނަކީ އަންހެން ޖިންސުގެ ބައެއް ކަމަށާއި އެއީ اللَّهގެ އަންހެން ދަރީންކަމުގައިވެސް ޔަހޫދީންނާއި މުޝްރިކުން ގަބޫލުކުރި ނަމަވެސް މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބަޔެއް ނޫން ކަމަށެވެ. އަދި މަލާއިކަތުންނަށް ކެއިންބުއިމާއި ނިދުމާއި އަރާމުކުރުން ފަދަ ކަންކަމަށް ބޭނުމެއް ނުވާނެ ކަމަށާއި އެބައިމީހުން اللَّهއަށް ނުއުރެދޭނެ ކަމަށާއި اللَّه އެންގެވިކަމެއް މަލާއިކަތުން ކުރައްވާނެ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަހުލޫގުން ކަމުގައި ނުވިޔަސް، اللَّه ގެ އިޒުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ލޫތުގެފާނުގެ ގައުމުގެ މީހުންގެ މައްޗަށް އަޒާބު ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ އަރިހަށް اللَّه تَعَالَى ފޮނުއްވެވި މަލާއިކަތުން ވަޑައިގަތީ ޒުވާން ފިރިހެނުންގެ ސިފައިގައި ކަމަށް ބުންޏެވެ.

اللَّه ލައުނަތްލެއްވި އިބިލީހަކީ މަލާއިކަތެއް ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަކަން ފާހަގަކޮށް ހުތުބާގައި ކީރިތި ގުރުއާނުގެ ނައްސުން ސާފުކޮށް އެނގޭ ގޮތުގައި، އިބިލީހަކީ ޖިންނިއެއް ކަމަށެވެ. ނަމަވެސް އިބިލީހަކީ اللَّهއަށް ނުކިޔަމަންތެރިވުމުގެ ކުރީން މަލާއިކަތުންނާ އެކީ އުޅުމުގެ ފުރުސަތު ލިބިފައިވާ އަޅުވެރި މުއުމިނު ޖިންނިއެއް ކަމަށްވެސް ބުންޏެވެ.

އެގޮތުން އާދަމްގެފާނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް ކުރެވުނު އަމުރުފުޅުގައި އޭނާ ވެސް ހިމެނުނު ކަމަށާއި ނަމަވެސް މަލާއިކަތުން އެ އަމުރުފުޅަށް ކިޔަމަންގަތް ހިނދު، އިބިލީސް ބޮޑާވެ ނުކިޔަމަންތެރިވި ކަމަށް ބުންޏެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން اللَّهގެ ރަހުމަތުން އޭނާ ދުރުކޮށް، އަބަދަށްޓަކައި އޭނާއަށް ލައުނަތް ލެއްވުނު ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، މަލާއިކަތުންނަކީ މާތް اللَّهއަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބަޔަކަށްވާއިރު މަލާއިކަތުންގެ އަދަދު اللَّه ފިޔަވައި އެއްވެސް މަހުލޫގަކަށް ނޭނގޭނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.