މި މަސް ނިމުމުގެ ކުރީން 300 ޒުވާން ހަތީބުން އުފެއްދޭނެ: ޑރ. ޝަހީމް

މ
24 އޮގަސްޓު 2024 12:31އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މި މަހުގެ ނިޔަލަށް 300 ޒުވާން ހަތީބުން އުފެއްދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަށާރަ އަހަރުން ދަށުގެ ކުދިންނަށް އިމާމުގެ ނަމާދުކުރުމާއި ހުތުބާ ކިޔުން މިދިޔަ ސަރުކާރުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ހުއްދަ ދޭން ނިންމައި، ޒުވާން ހަތީބުން ތަމްރީނު ކުރުމަށް ޕްރޮގްރާމެއް ފަށައިފަ އެވެ.

ރީތިކޮށް ގުރުއާން ކިޔަވާ އަދި ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންތަކެއް އުފެއްދުމަށް ފެށި އެ ޕްރޮގްރާމްގެ އަމާޒަކީ ޖުމުލަ 1،000 ހަތީބުން ތަމްރީނުކުރުމެވެ.

އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، މިހާތަނަށް 100 ހަތީބުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށާއި އެ ހުއްދައިގެ ދަށުން މާލެއާއި އެކި ރަށްރަށުގައި އެ ކުދިން ހުތުބާ ކިޔަމުންދާ ކަމަށެވެ.

އަދި އިތުރު 200 ކުދީން ތަމްރީންކޮށް ނިމިފައިވާއިރު، އެ ކުދިންނަށް މި މަހުގެ 28 ވަނަ ދުވަހު ސަނަދުދީ ހުއްދަ ހަވާލު ކުރާނެ ކަމަށް ވިދާޅުވި އެވެ. އޭރުން މި މަސް ނިމުމުގެ ކުރިން 300 ޒުވާން ހަތީބުން ފެނިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.