ގެއަކަށް ވެއްދުމަށްފަހު އޮރިޔާންކޮށް، ފޭރުން: މަންމައަށާއި ދަރިއަށް ދައުވާ ކުރަން ފޮނުވައިފި

މ
16 ސެޕްޓެމްބަރު 2024 12:34އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މާލޭގެ ގެއަކަށް މީހަކު ވެއްދުމަށްފަހު އެ މީހާ ބަރަހަނާކޮށް, ބިރު ދައްކައިގެން އެކައުންޓުން ފޭރުނު މައްސަލައިގައި ތިން މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

މިއީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި މއ. މަސްފަން ގެއަށް މީހަކު ވައްދައި، އެ މީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އޭނާގެ މޯބައިލް ފޯނު އަތުލައި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމް އިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އެ މީހާ ރަހީނުކުރި ގެ، މއ. މަސްފަން/ އާއިޝަތު (43އ) އާއި އޭނާގެ ދަރިފުޅު މުހައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ/ ސޯމާ، ޝަގީގު އިބްރާހިމް (35އ) އެވެ. މި ތިން މީހުންވެސް މިހާތަނަށް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، އެ މައްސަލައިގައި އެ ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.