މާލޭ ސިޓީ ކައުންސިލްގެ މަސައްކަތް ވަކިގޮތަކަށް ނިންމަން ސަރުކާރުންގެ އެއްވެސް ނުފޫޒެއް ކައުންސިލްގެ މަށްޗަކަށް ފޯރުވާފައި ނުވާކަމަށް މާލޭ ސިޓީކަންސިލްގެ ޑެޕިޔުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް މިހެން ވިދާޅުވީ އާމޭޔަރު ހުވާކުރުމުގެ ކުރިން މާލޭ ސިޓީ ކައުންސިލުން ހިންގަމުން ދިޔަ ބައެއް މަޝްރޫއުތައް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ އެންޑް ކޮންސްޓްރަކްޝަންގެ ދަށަށް ބަދަލުކުރުމަށް ކައުންސިލުގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނިކޮށެވެ.
.އެގޮތުން ކައުންސިލުން ފާސްކޮށްފައިވަނީ 100 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑު މަޝްރޫއުތައް މިނިސްޓްރީއާ ހަވާލު ކުރުމަށެވެ. އެއީ ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެނަމަ މަޝްރޫއުތައް ކައުންސިލާ ހަވާލުކުރާ ގޮތަށެވެ.
މި ބައްދަލުވުމުގައި 10 ކައުންސިލަރަކު ބައިވެރިވެވަޑައިގެންނެވިއިރު ނުވަ ކައުންސިލަރަކު ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވައިފައެވެ.
ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމި ނިންމުމާ ގުޅިގެން މާލޭގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ނިންމުމަކީ ގާނޫނުއަސާސީގެ އަށްވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި ރައީސް އޮފީހުގެ ވަޒީރު ބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން މަސައްކަތް ކުރައްވާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
މި ތުހުމަތުތައް ދޮގުކުރައްވައި ޑެޕިއުޓީ މޭޔަރު ވިދާޅުވީ ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ ކަމަށެވެ.
“ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ! ކައުންސިލުން ނިންމީ ކައުންސިލް ފްލޯރއަށް ހުށެއަޅައި މަޝްވަރާކުރެވުނު މައްސަލައެއް ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިޔަތުން އެގޮތަށް ބޭނުންވީމަ!”
ނަރީޝް ވިދާޅުވީ ސަރުކާރުގެ އެއްވެސް ވަޒީރަކު އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވާ ކަމަށެވެ.
“ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ!”ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވިއެވެ.











ކޮމެންޓް