ގާނޫނާ ހިލާފަށް ވަޒީފާ އިން ވަކިކުރާ މީހުންނަށް އެމްޑީޕީން ގާނޫނީ އެހީތެރިކަން ދެނީ

މ
24 ސެޕްޓެމްބަރު 2024 14:051 މިނިޓުގެ ކިޔުން
Aa

ގާނޫނާ ހިލާފަށް ސަރުކާރުގެ ވަޒީފާތަކުން ވަކިކުރާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށް ދޭން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރު ދައްކައި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމުގައި އެ ފަރާތްތަކުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި އެ މުވައްޒަފުންނަށް އެހީތެރިވުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށް ބުންޏެވެ.

ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ވަޒީފާއާ ގުޅޭ އެންމެހާ މައުލޫމާތު ފޮނުވަން ޖެހެނީ އެ އެމްޑީޕީގެ ހެލްޕްލައިން އީމެއިލް helpline@mdp.org.mv ނުވަތަ ވައިބާ ނަންބަރު 7341637 އަށެވެ.

އެމްޑީޕީ އިން ތުހުމަތުކުރާ ގޮތުގައި ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތައް ގާނޫނާ ހިލާފަށް ވަކިކުރުމުގެ އިތުރުން ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ވަޒީފާއިން ވަކިކޮށް، ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް އަދިވެސް މީހުން ދަނީ އައްޔަން ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.