ރައީސް އިންޑިއާއަށް ވަޑައިގަންނަވާނީ އަންނަ މަހު

މ
28 ސެޕްޓެމްބަރު 2024 13:471 މިނިޓުގެ ކިޔުން
Aa

ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގަންނަވާނީ އަންނަ މަހު ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަން ރައީސް އޮފީހުން ހާމަކޮށްފައިވަނީ މިމަހު ކުރީ ކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނަމަވެސް ރައީސް އިންޑިއާއަށް ވަޑައިގަންނަވާ ތާރީހެއް ހާމައެއް ނުކުރެ އެވެ.

ނަން ހާމަކުރަން ނޭދޭ ރާއްޖެއާއި އިންޑިއާގެ ބައެއް މަސްދަރުތަކާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން ރައީސް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ 10-6 އަށެވެ. އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިމެނޭހެން އެ ގައުމުގެ ލީޑާޝިޕާ ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރު ހަތްވަނަ ދުވަހު ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ރައީސް ވަނީ މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.