ހާޝިމްގެ މަރާ ގުޅިގެން ހުށަހެޅި ކަންބޮޑުވުންތައް ބަލަން ފަށައިފި

މ
29 ސެޕްޓެމްބަރު 2024 20:311 މިނިޓުގެ ކިޔުން
Aa

މާލޭގެ ގެއެއްގެ ތެރޭގައި ކުއްލި ގޮތަކަށް ނިޔާވެފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ ހާޝިމް މުހައްމަދުގެ މަރުގެ މައްސަލައިގައި އާއިލާ އިން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފަށައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާފަންނުގެ ގެއެއްގެ ތެރޭގައި ހާޝިމް މަރުވެފައި އޮއްވާ ފެނިފައިވަނީ ޖެނުއަރީ 2، 2022 ގައެވެ. ހާޝިމްގެ މަރާ ގުޅިގެން އޭރުގައި ވެސް ޝައްކުތަކެއް އުފެދުނެވެ. އޭއީ ހާޝިމްގެ ހަށިގަނޑު ފެނުނުއިރު އޭނާގެ ބޯ ފަޅައިގެން ގޮސްފައިވުމުންނެވެ. އެ މައްސަލަ ބެލުމަށްފަހު ފުލުހުން ބުނީ އެ މަރުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަން ތަހުގީގަށް ފާޙަގަ ކުރެވިފައިނުވާ ކަމަށެވެ.

ހާޝިމްގެ މަރުގެ މައްސަލަ އަނެއްކާ ވެސް ފެންމަތިވީ އޭނާގެ ވިޔަފާރިއާ ގުޅޭ ލިޔުންތައް ފޯޖުކޮށް، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލްޖަލީލް އިސްމާއިލްގެ މައްޗަށް ބަދަލުކޮށްފައިވާ ކަމަށް އެ އާއިލާއިން ތުހުމަތުކުރުމުންނެވެ. އެހެންވެ، އަބްދުލްޖަލީލްގެ ފޯޖަރީގެ މައްސަލައެއް ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން މިއަދު ވިދާޅުވީ ހާޝިމްގެ މަރުގެ މައްސަލައިގެ ތަހުގީގަށް ހާޝިމްގެ ފޯނު ގެނެސްފައިވާ ކަމަށެވެ. ފުލުހުންގެ ތަހުގީގަށް ބޭނުންވާ ތަހުލީލުތަކަށް ފަހު ފޯނު، އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ އިތުރު އެއްވެސް އިލެކްޓްރޯނިކް އާލާތެއް މި މައްސަލައިގެ ތަހުގީގަށް ގެނެސްފައިނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގު ނިންމާފައި ވަނިކޮށް އާއިލާއިން ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި ވާތީ އެ ކަންބޮޑުވުންތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.