ޗައިނާގެ ރިސާޗް އުޅަނދު ރާއްޖެ އަންނަނީ ސްޓޮކް އާ ކުރަން: ފޮރިން މިނިސްޓްރީ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ޗައިނާގެ ރިސާޗް އުޅަނދު ރާއްޖެ އަންނަނީ ކްރޫއިން ބަދަލުކުރުމަށާއި ސްޓޮކް އާކުރަން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ބޯޓު ރާއްޖޭގައި ބަނދަރު ކޮށްދިނުމުގެ ހުއްދައަކަށް ޗައިނާގެ ސަރުކާރުން ރާއްޖޭގައި ރަސްމީކޮށް އެދުމުން ހުށަހެޅި ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް އެ ހުއްދަ ދީފައިވާ ކަމަށެވެ.

އެ ބޯޓުން ރާއްޖޭގެ ސަރަހައްދުގައި އެއްވެސް ދިރާސާއެއް ނުކުރާނެ ކަމުގެ ޔަގީކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.

ރާއްޖެ އައުމަށް ހަމަޖެހިފައިވާ ބޯޓަކީ ޗައިނާ ސަރުކާރުގެ ޝިޔެންގް ޔެންގް ހޮންގް 3 ނަމަކަށް ކިޔާ އުޅަނދެކެވެ. ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ދައްކާގޮތުން އެ އުޅަނދު މިހާރު ދަނީ ޖާވާ ކަނޑުން ރާއްޖެއާ ދިމާލަށް ދަތުރުކުރަމުންނެވެ. ލަފާކުރެވޭގޮތުގައި އެ އުޅަނދު މާލެ ބަނދަރު ކުރާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ މިލިޓަރީ އަދި ސިވިލް އުޅަނދުފަހަރަށް ރާއްޖޭގައި ބަނދަރުކޮށް ސުލްހަވެރި ހަރަކާތްތެރިކަން ހިންގުމުގެ ހުއްދަ ދޭ ކަމަށާއި އެކަމުގެ ސަބަބުން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވެގެންދާ ކަމަށް ފޮރިން މިނިސްޓަރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ ގޮތުން އެފަދަ ކަންކަމުގައި ދުނިޔޭގައި އަމަލު ކުރާ ބެސްޓު ޕްރެކްޓިސްއާއި މެރިޓައިމް ގާނޫނުގައި އެކަމާ ގުޅުންހުރި މާއްދާތައް ރާއްޖެއިން ނަގަހައްޓާނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.