ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހުށަހެޅި ރާގިބު، ޑެޕިއުޓީ މިނިސްޓަރު ކަމުން ވަކިކޮށްފި

މ
25 ނޮވެމްބަރު 2024 17:45އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާހިލާފަށް ކަަމަށް ބުނެ އެ ރަށަށް ދީފައިވާ ސިޓީގެ ދަަރަޖަ ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުން، ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދު، މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނައިބު ވަޒީރުކަމުން ރާގިބު ވަކިކުރަން މިއަދު ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

ރާގިބު އެ މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހައިކޯޓުން އެ މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމަ އެވެ.

ރާގިބް ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައިވަނީ ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާކަން ދެއްކުމަށް އެ ރަށު ކައުންސިލުން ގެންގުޅެފައިވަނީ އޮޅުވާލައިފައިވާ ލިސްޓެއް ކަމަށެވެ. އެގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހޯދި މައުލޫމާތުގައި ތިނަދޫގެ އާބާދީއަކީ ގާތްގަނޑަކަށް 7،000 މީހުން ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ.

އޭނާ އެ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ތިނަދޫ ކައުންސިލުން ގެންގުޅުނު ލިސްޓުގައި މަރުވެފައިވާ ގިނަ އަދަދެއްގެ މީހުންނާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންގެ އިތުރުން އެއް ނަމެއް އަދި އެ މީހާގެ މަންމަ ނަމާއި ބައްޕަގެ ނަމާއި އާންމުނަން އަދި ގޭގެ އެޑްރެސް އެއްގޮތް ނަމަވެސް އައިޑީ ކާޑު ނަންބަރު ތަފާތު ގިނަ ބަޔަކު ތިބި ކަމަށް ބުންޏެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.