ޖާބިރުގެ ކާސާމިއާ ގެސްޓް ހައުސް، މަތިވެރި ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދޭނަން: ރައީސް

މ
9 ޑިސެމްބަރު 2024 09:511 މިނިޓުގެ ކިޔުން
Aa

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކާސާމިއާ ގެސްޓް ހައުސް، އއ. މަތިވެރީގެ ރައްޔިތުންނަށް ލިބޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރައީސް އިއްޔެ ވަނީ މަތިވެރި ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ 50 ކޮޓަރީގެ ކާސާމިއާ ގެސްޓް ހައުސް ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިފަ އެވެ.

މަތިވެރި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކާސާމިއާ ހުންނަ ބިމުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާތާ އަށް އަހަރު ވެފައިވާކަން ކައުންސިލުން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނީ ހަމަތަކުގެ މަތިން އެ އެއްބަސްވުން އުވާލައި، އެ ބިން ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

”ލޯކަލް ޓޫރިޒަމްގެ ވަރަށް ބޮޑެތި ފައިދާތަކެއް އޭގެ ކުރިން މި ރަށަށް ވަމުންދިޔަ. މިހާރު އެކަން ހުއްޓިފައި އެ އޮތީ. ވަރަށް ނާޖާއިޒު ގޮތެއްގައޭ ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން އެ ބިން ދީފައި އޮތީ. އަޅުގަނޑު މިހާރު އެޓާނީ ޖެނެރަލްގައި ދަންނަވައިފިން އެ މައްސަލަ ބަލައި ދިނުމަށް. ގާނޫނީ އިމުގެ ތެރެއިން އޭގެން ނިކުމެވޭނެ ގޮތެެއް ގާނޫނީ ހަމަތަކުގެ މަތިން ބަލައި ދިނުމަށް،“ ރައީސް ވިދާޅުވި އެވެ.

ކާސާމިއާގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެ ތަނުގެ ބިމުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާ ނުދައްކާ މައްސަލައެއް މީގެ ކުރިން ވަނީ ފެންމަތިވެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.