އެމްޑީޕީން އުޅެނީ ވެރިކަމުން ބޭލީމާ ހަޖަމު ނުވެގެން، ދެންވެސް ބަލިކުރާނަން: ޝުޖާއު

މ
31 ޖަނަވަރީ 2025 22:471 މިނިޓުގެ ކިޔުން
Aa

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު

އިދިކޮޅު މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އުޅެނީ ވެރިކަމުން ބޭލުމުން ހަޖަމު ނުވެގެން ކަމަށާއި ދެންވެސް ބަލި ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި ’ފުދިއްޖެ، ފުނޑިއްޖެ‘ ނަމުގައި އެމްޑީޕީން މިރޭ ދަނީ މާލޭގައި ބޮޑު މުޒާހަރާއެއް ކުރަމުންނެވެ.

ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު ކަމަށެވެ. ދިވެހި ރައްޔިތުންނާއި ރާއްޖެ ފުޑާލީ އެމްޑީޕީން ކަމަށާއި ހައްގުވެރިން އަތުން ފްލެޓާޢި ނުހައްގުން ބިން ބަހާފައި އޮތީވެސް އެމްޑީޕީގެ ވެރިކަމުގައި ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

”ދެންވެސް ބަލިކުރާނަން،“ ޝުޖާއުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

އެމްޑީޕީން މިރޭ ކުރަމުންދާ މުޒާހަރާއަށް އަތޮޅު ތެރެއިންވެސް މީހުން އައިސްފައިވާއިރު، މުޒާހަރާގައި ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ ބައެއް މިނިސްޓަރުންގެ އިސްތިއުފާއަށްވެސް ދަނީ ގޮވަމުންނެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ކުރީގެ ހައުސިން މިނިސްޓަރު ހައިދަރު ހިމެނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.