ދިވެހި މަސްދޯނިތަކަށް އަރައި ހިންގި އޮޕަރޭޝަންގެ ތަފުސީލު ދޭން އިންޑިއާ ސަރުކާރަށް އަންގައިފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާގެ ކަނޑުގެ ސިފައިން އަރައި ހިންގި އޮޕަރޭޝަންގެ ތަފުސީލު ދޭން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް އަންގައިފި އެވެ.

މިދިޔަ ބުދަ ދުވަހު އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. ދޯނިތަކަށް އެރީ ކޮން ގައުމެއްގެ ކޮން ބައެއްކަން ޔަގީންނުވާ ކަމަށް ދިވެހި ކޯސްޓް ގާޑުން ކުރި ބުނި ނަމަވެސް ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި އެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ދިވެހި ތިން މަސްދޯންޏަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑު ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އަސުރުމާ ތިނަކަށް އިންޑިއާ ސިފައިން އެރީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށްވެސް ބުންޏެވެ.

”ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފުސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް ސަރުކާރުގައި 1 ފެބްރުއަރީ 2024 ގައި ވާނީ ރަސްމީކޮށް ދަންނަވައިފަ އެވެ،“ ޑިފެންސްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ނަފާ ހޯދުމުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތް ސާބިތުކަމާއެކު ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ހާއްސަ އިގުތިސާދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީން ކެނޑިނޭޅި ކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.