މިނިސްޓަރުންގެ "އަހާ" ފޯރަމް ނުބާއްވާތާ 9 މަސް ފަހުން މާދަމާ ރޭ ބާއްވަނީ

މ
14 ފެބްރުއަރީ 2025 23:131 މިނިޓުގެ ކިޔުން
Aa

މިނިސްޓަރުންނާ ސުވާލުކުރުމަށް ބާއްވާ ’އަހާ‘ ފޯރަމްގެ ތިންވަނަ ފޯރަމް މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.

އަހާ ފޯރަމަކީ ކޮންމެ ދެ މަހަކުން ބާއްވާނެ ކަމަށް ބުނެ ފެށި ޕޯރަމެކެވެ. އެ ފޯރަމް ފުރަތަމަ ބޭއްވީ 25 ޖެނުއަރީ 2024 ގައެވެ. ދެވަނަ ފޯރަމް ބޭއްވީ އޭޕްރިލް29 ވަނަ ދުވަހުގ އެވެ. އޭގެ ފަހުން އެ ފޯރަމް ބާއްވައިފައެއް ނުވެ އެވެ.

ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ތިންވަނަ ފޯރަމް ބާއްވަން ނިންމާފައިވަނީ މާދަމާ ރޭ 9:00 ގައެވެ. އެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނެ މިނިސްޓަރުންނަކީ:

  • ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް

  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު

  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

  • ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް

އެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކުރިއާލައި ސުވާލު އެސްއެމްއެސް ކުރަންޖެހެއެވެ. އެގޮތުން އެސްއެމްއެސް ކުރަން ޖެހެނީ AH (space) Suvaalu to 300 އަށެވެ.

މިނިސްޓަރުންގެ އަހާ ފޯރަމްގެ އިތުރުން، ކޮންމެ ތިން މަހަކުން ސީދާ ރައީސް މުއިއްޒު ވެސް އެ ސިލްސިލާގެ ދަށުން ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ. އެގޮތުން ރައީސްގެ ފުރަތަމަ ފޯރަމު ވަނީ 23 ފެބްރުއަރީ 2024 ގައި ބާއްވައިފަ އެވެ. އޭގެ ފަހުން އެ ފޯރަމްވެސް ބާއްވާފައެއް ނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.