ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ސަރުކާރު ހިންގާ ޕީއެންސީއަށް، 13 މިލިއަން ރުފިޔާ!

މ
10 އޭޕްރީލް 2025 17:202 މިނިޓުގެ ކިޔުން
Aa

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ ތެރެއިން އެންމެ ބޮޑު މި އަހަރު ލިބޭނީ ސަރުކާރު ހިންގާ ޕީއެންސީ އަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ޕާޓީތަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ،

31 ޑިސެމްބަރު 2024ގެ ނިޔަލަށް ޕާޓީތަކުގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދާއި ލިބޭ ފައިސާގެ އަދަދު:

  • ޕީއެންސީގައި 68،968 މެންބަރުން/ 13.3 މިލިއަން ރުފިޔާ

  • އެމްޑީޕީގައި 43،755 މެންބަރުން/ 8.4 މިލިއަން ރުފިޔާ

  • ޖުމްހޫރީ ޕާޓީގައި 13،826 މެންބަރުން/ 2.6 މިލިއަން ރުފިޔާ

  • އަދާލަތު ޕާޓީގައި 9.049 މެންބަރުން/ 1.7 މިލިއަން ރުފިޔާ

  • އެމްޑީއޭގައި 9،210 މެންބަރުން/ 1.7 މިލިއަން ރުފިޔާ

އެ ޕާޓީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި 100،000 މެންބަރުން ހަމަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި މެންބާޝިޕް ޑްރައިވް ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ޑީއެންއާރްގެ މައުލޫމާތު ބޭނުންކޮށްގެން ވަގު ފޯމުތަކެއް ފުރި މައްސަލަ ފެންމަތިވީ އެ މެމްބާޝިޕް ޑްރައިވްގެ ތެރެއިންނެވެ.

ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންތަކެއް ޑީއެންއާރް ތެރޭގައި ޕާޓީއަށް މެންބަރުން ވައްދާ ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވި އިރު، ގިނަ ބަޔަކު ވަނީ އެ މީހުންނަށް ނޭނގި އެ މީހުން ސޮއި ފޯޖުކޮށްގެން ޕީއެންސީއަށް ވެއްދި ކަމަށް ބުނެފަ އެވެ.

އެ ތުހުމަތުތައް ގިނަވެ އާންމުންގެ ޝަކުވާ ބޮޑުވުމުން އީސީން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ. ފުލުހުން ވެސް ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް ފަހުން އެ މައްސަލައިގައި ނިމުނު ގޮތެއް އެ ދެ އިދާރާއަކުންވެސް ނުބުނެ އެވެ.

އީސީގެ ނައިބު ރައީސް ސަލާހު ރަޝީދު ވިދާޅުވި ގޮތުގައި ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ބަލާފައިވާނީ 31 ޑިސެމްބަރު 2024ގެ ނިޔަލަށް ކަމަށާއި އެ މުއްދަތުގެ ނިޔަލަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ޝަކުވާތައް ބަލައި ޕާޓީގެ ދަފުތަރުން އެ މީހަކު އުނިކޮށްފައިވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.