ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

މ
17 އޭޕްރީލް 2025 14:271 މިނިޓުގެ ކިޔުން
Aa

ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވީ މިއަދު ބޭއްވި ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިވަޑައިގެންފައިވަނީ ޕްރެސް ފްރީޑަމް ޑޭ ކަމަށްވާ މޭމަހުގެ ތިންވަނަ ދުވަހު ކަމަށެވެ.

”އަޅުގަނޑު މިހާރު ނިންމާ އޮންނާނެ ތިނެއް މެއި، އެއީ ޕްރެސް ފްރީޑަމް ދުވަސް، އެ ދުވަހު އިރާދަކުރެއްވިއްޔާ އަޅުގަނޑު ނޫސްވެރިންނާ ބައްދަލުކުރާނަން. ނޫސްވެރިންނާ ބައްދަލުކޮށް. މީޑިއާއާ ބައްދަލުކޮށް ރައީސް އޮފީހުގަ ރަސްމީކޮށް ނޫސްކޮންފަރެންސެއް ބާއްވާނަން،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ބޭނުންވާ ސުވާލެއް ކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ ނޫސްވެރިންގެ ބައްދަލުވުމެއް ނޫސްވެރިން ތައްޔާރުވެވަޑައިގަތުމަށް ދަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ 2023 ޑިސެމްބަރު 05 ގަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލު ކުރަން ފުރުސަތު ދިން ނަމަވެސް ސުވާލުތަކަށް ރައީސް ޖަވާބު ދެއްވާފައިނުވެ އެވެ. ސަބަބެއް ކަމަށް އެ މަނިކުފާނު ވިދާޅުވީ އެ ނޫސްވެރިންގެ ބައްދަލުވުމަކީ ހަމައެކަނި ކެބިނެޓް ނިންމުންތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއްކަމަށްވުމެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.