ދުވަން ނުކުމެ އުޅުނު އަންހެނެއް ހިފަހައްޓައި, ކަރުގައި އޮތް ފަށް ފޭރިގެންފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭގައި ދުވަން ނުކުމެ އުޅުނު އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގެންފި އެވެ.

އެ ހާދިސާ ކުރިމަތިވި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ, އެކަން ހިނގީ ހުޅުމާލެ ކްލޭ ސްޓޫޑިއޯ ހުންނަ މަގުން ދުވެފައި ދަނިކޮށް ކަމަށެވެ.

އޭނާ ބުނީ, އޭނާގެ ކަރުގައި އޮތް ފަށް ފޭރިގަތީ ބިންމައްޗަށް ވައްޓާލުމަށްފަހު ކަމަށާއި އެކަން ކުރީ ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ކަމަށެވެ. އެކަން ފުލުހުންނަށް މިހާރު ރިޕޯޓް ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މާޔަން ވަނީ އޭނާގެ ފަށުގެ ފޮޓޯ އާންމުކޮށް އެއްވެސް މީހަކު އެ ވައްތަރުގެ ފަށެއް ވިއްކަން އުޅޭ ނަމަ ނުވަތަ އެއާ ބެހޭ މައުލޫމާތެއް އެނގޭ ނަމަ އެކަން އޭނާއަށް އަންގައިދިނުމަށް އެދިފަ އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ, ސައިކަލެއްގައި ދިޔަ ދެ މީހުން ހުޅުމާލެ ރީތިގަސް މަގުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަނެފައިވާ މައްސަލަ މިއަދު 6:20 ގައި ހުށަހަޅާފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.