ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު ހުށަހަޅައިފި

މ
19 މެއި 2025 19:40އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު ހުށަހަޅުއްވާފައިވާ ކަމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ބުނެފި އެވެ.

އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު ހަމަވީ، މި އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އިނާމަށް ހުށަހެޅުއްވި ބޭފުޅުން ހުށަހެޅުއްވި ވަޒީފާގެ ލިޔުންތައް ކޮމިޓީން ބައްލަވައި، އޭގެ ތެރެއިން އިންޓަވިއުއަށް ޝަރުތުހަމަވާ ބޭފުޅުން ކަނޑައަޅުއްވާފައި ކަމަށެވެ. އެ ބޭފުޅުންނާ ކޮމިޓީން މިއަދު އިންޓަވިއު ކުރައްވަން ފަށްޓަވާފައިވާ ކަމަށްވެސް ބުންޏެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު ގާބިލުކަމާއި އިހުލާސްތެރިކަމާ އެކުގައި ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއަކަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވުމުގެ ޖަލްސާ، މި އަހަރު އޮންނާނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.