އަބޫދާބީ ފަންޑުން ދިން ޔަގީންކަން: ރާއްޖޭގެ ތަރައްގީއަށް ހުއްޓުމެއް ނެތި އެއްބާރުލުން ދޭނަން

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި ހުއްޓުމެއްނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދީފި އެވެ.

އެ ޔަގީންކަން ދިނީ އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގަ އެވެ.

އަބޫދާބީގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަރުމަންޓް ސަމިޓުގެ ހަވާސާގައި ކުރެއްވި އެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަބޫދާބީ ފަންޑުން ރާއްޖެއަށް ހުއްޓުމެއް ނެތި ފޯރުކޮށްދޭ މާލީ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފަ އެވެ.

ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމުގެ މައްޗަށާއި އަބޫދާބީ ފަންޑުން ރާއްޖޭގެ ތަރައްގީއަށް ދޭ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.

އަދި އަބޫދާބީ ފަންޑުގެ އެއްބާރުލުމާއެކު ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުންނާއި ދެ ފަރާތުން ގުޅިގެން އިތުރަށް މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އެގޮތުން ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިއްހީ ދާއިރާ އަދި އިގުތިސާދީ ތަރައްގީގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.