ނުރައްކާތެރި އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް އަނެއްކާވެސް ފެނިއްޖެ

މ
7 ޖޫން 2025 15:35އަޕްޑޭޓްކުރީ 2 މިނިޓުގެ ކިޔުން
Aa

ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން އަނެއްކާވެސް ފެނިއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، އެ ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދައި ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޭސްއާ ގުޅޭ މާ ގިނަ މައުލޫމާތެއް އެޗްޕީއޭ އަކުން ނުދެ އެވެ.

އިންވެންސިވް މެނިންގޯކޮކަލް ބައްޔަށް، ހަ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖެހުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރެވެ. ތިންވަނަ މީހަކީ އެ ބަލީގައި މިދިޔަ އަހަރު ނިޔާވި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އެވެ.

މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެއް ކަމަށެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަނާއި (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ. އެއީ ވަރަށް ނުރައްކާތެރި ދެ ބައްޔެވެ. އެކަމަކު، ވެކްސިން ޖަހައިގެން އެ ދެ ބަލިން ރައްކާތެރިކަން ހޯދެ އެވެ.

ނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާ އާއެކު ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމަތްތައް (ލޭގެ އިންފެކްޝަން):

  • ހުން އައިސް ހީކެރުވުން

  • ބޭރަށް ހިނގުން/ހޮޑުލެވުން/އޯކާދެމުން

  • ވަރުބަލިވުން

  • އަތާއި ފައި ފިނިވުން

  • ނޭވާލާން އުނދަގޫވާން

  • ގައިގައި ރިއްސުން

  • ބިހިނެގުން

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމަތްތައް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން):

  • ހުންއައުން

  • ބޮލުގައި ރިއްސުން

  • ކަނދުރާއަށް ވާންއަރާފައި ހުރުން (ވާން އެރުމުގެ ސަބަބުން ބޯ ތިރިކޮށް ދަތްދޮޅި މޭމަތީގައި ނުޖެއްސޭ ވަރަށް ވާންވުން)

  • ހޮޑުލެވުން/އޯކަދެމުން

  • ވާނުވާނޭނގުން

  • އަލި ގަދަވުމުން އުނދަގޫވުން

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.