ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިބޫ ނިންމަވައިފި

މ
22 ޖޫން 2025 21:431 މިނިޓުގެ ކިޔުން
Aa

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެން އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނިންމަވާފައިވާކަން ރަސްމީކޮށް މިރޭ އިއުލާންކޮށްފި އެވެ.

ރައީސް ސޯލިހުގެ ފަރާތްޕުޅުން އެ ނިންމެވުން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. އެކަން ސޯލިހުގެ ނިންމެވުމަށް ތާއިދުކުރާކަން ހާމަކުރެއްވި ބޭފުޅެއް ވަނީ މި ނޫހަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ރައީސް ސޯލިހަށް ތާއީދުކުރައްވާ ޓީމާއެކު މާލޭގައި ބޭއްވި ކެއުމެއްގައި ބިގޭ އެކަން އިއުލާން ކުރެއްވުމަށް އެކަމަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް (މަހޭ) ހިމެނިވަޑައިގަންނަވަ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ސޯލިހު ނިންމެވި އިރު، އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

އަދި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުންނެވި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފަ އެވެ. އެހެން ވިދާޅުވުމަށްފަހު އެ މަނިކުފާނު ވަނީ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.