މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ ކަރަންޓު ދީފި

މ
14 އޮގަސްޓު 2025 15:161 މިނިޓުގެ ކިޔުން
Aa

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރު ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށް، ގަޑިއިރެއްހާއިރުގެ ތެރޭގައި ކަރަންޓުގެ ޚިދުމަތް އަލުން ދީފި އެވެ.

ސްޓެލްކޯއިން މިއަދު 12:40 ހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރާ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، އަލުން ޚިދުމަތް ދެވޭނީ ކިހާއިރަކު ކަމެއް އެވަގުތު ހާމަކޮށްފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ކޮށްފައިވާ ޕޯސްޓުތަކުން ދައްކާ ގޮތުގައި، ކަރަންޓު ކެނޑުނީ ވެސް 12:40 ހާއިރެވެ. އަދި ހުޅުމާލޭގެ ދެ ފިޔަވަހީގެ ވެސް ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ބައެއް ރައްޔިތުން ވަނީ ބުނެފަ އެވެ.

އޭގެ ފަހުން 13:50 ގައި ސްޓެލްކޯއިން ވަނީ އަނެއްކާވެސް އެކްސްގައި ޕޯސްޓުކޮށް، މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށް ހާމަކޮށްފަ އެވެ.

އަދި ޚިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.