މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކުރަން ފަށައިފި

މ
3 ސެޕްޓެމްބަރު 2025 12:001 މިނިޓުގެ ކިޔުން
Aa

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މަޖިލީހަށް ހުށަހަޅަންޖެހޭ މާލީ ބަޔާންތައް އާންމު ކުރަން ފަށައިފި އެވެ.

މިކަމުގެ ސަބަބުން، މަޖިލީހުގެ މެންބަރުންގެ މާލީ ހާލަތާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފަސޭހައިން ލިބިގެންދާނެ އެވެ.
މަޖިލީހުގައި މިހާރު 93 މެންބަރުން ތިބޭއިރު، މިހާތަނަށް 24 މެންބަރެއްގެ މާލީ ބަޔާން މަޖިލީހުގެ ރަސްމީ ވެބްސައިޓަށް އަޕްލޯޑުކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރެ އެވެ. އަދި ބާކީ ތިބި މެންބަރުންގެ ބަޔާންތައް ވެސް އަޕްލޯޑު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ނަމަވެސް، މާލީ ބަޔާން ހުށަހެޅި މެންބަރުންނާއި ހުށަނާޅާ މެންބަރުންގެ ވަކި ލިސްޓެއް މިވަގުތު ދެވެން ނެތް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައި ވެ އެވެ. އެހެންކަމުން، މަޖިލިސް ވެބްސައިޓުން މާލީ ބަޔާނެއް ނުފެނުނު ނަމަވެސް، އެ ބަޔާން ހުށަނާޅާތީ ނުވަތަ އަޕްލޯޑު ނުކުރެވި ހުރީ ކަމެއް އަދި ސާފެއް ނުވެ އެވެ.

މަޖިލީހުގެ ގަވާއިދަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް، މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ހަމަޖެއްސީ އެއް އަހަރު ކުރިންނެވެ. އަދި މި ބަޔާން ދޭންޖެހޭނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވަނީ ނިންމާފަ އެވެ.

މި ބަދަލުގެ ސަބަބުން މަޖިލިސް މެންބަރުންގެ ކަންކަން ހާމަކަން ބޮޑު ގޮތަކަށް ބެލެހެއްޓިގެން ދާނެ ކަމަށް ބެލެވެ އެވެ.

މަޖިލީހުގެ ވެބްސައިޓަށް މިވަގުތު އަޕްލޯޑުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު، ބަޔާންތައް ފަރުމާކޮށްފައި ވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ފާހަގަ ކުރެވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.