ވެރިކަމުން ދުރުކުރި މަޑަގަސްކަރައިގެ ރައީސްގެ ރައްޔިތުކަން އަތުލައިފި

މ
26 އޮކްޓޫބަރު 2025 11:261 މިނިޓުގެ ކިޔުން
Aa

ބަޣާވާތަކުން މަގާމުން ދުރުކުރި މަޑަގަސްކަރައިގެ ކުރީގެ ރައީސް އެންޑްރީ ރަޖޮއެލީނާގެ ރައްޔިތުކަން އެ ގައުމުގެ ވެރިކަމާ އަލަށް ހަވާލުވި ސަރުކާރުން އަތުލައިފި އެވެ.

މަޑަގަސްކަރައިގެ ބޮޑުވަޒީރުކަމާ އަލަށް ހަވާލުވި ހެރިންޓްސަލާމާ ރާޖައޮނާރިވެލޯ ސޮއިކޮށް ނެރުނު އަމުރެއްގައި ބުނެފައިވަނީ އެ ގައުމުގެ ގާނޫނު ބުނާ ގޮތުން އެހެން ގައުމެއްގެ ރައްޔިތުކަން ހޯދާފައިވާ މީހުންނަށް މަޑަގަސްކަރައިގެ ރައްޔިތުކަން ގެއްލޭނެ ކަމަށެވެ.

ރަޖޮއެލީނާ ވަނީ މީގެ 10 އަހަރު ކުރިން ފްރާންސްގެ ރައްޔިތުކަން ހޯއްދަވައިފަ އެވެ. އެކަމާ ގުޅިގެން 2023ގެ ރިޔާސީ އިންތިހާބުގައި އޭނާއަށް ވާދަކުރުމުގެ ފުރުސަތު ނުދޭން ވެސް ގޮވާލި އެވެ. ނަމަވެސް އެ އިންތިހާބު އޭނާ ކާމިޔާބު ކުރި އެވެ.

ރަޖޮއެލީނާ މަޑަގަސްކަރަ ދޫކޮށް ފިއްލެވީ, އޭނާގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކަށް އަސްކަރިއްޔާގެ ތެރެއިންވެސް އެހީތެރިކަން ލިބުމުންނެވެ. އޭގެ ފަހުން މަޑަގަސްކަރައިގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ރަޖޮއެލީނާ އަޒުލްކޮށްފަ އެވެ. އޭނާ އަޒުލްކުރުމުން ވެރިކަމުގެ ބާރުތަކާ ހަވާލުވީ އަސްކަރިއްޔާގައި އޮންނަ ކެޕްސެޓް މިލިޓަރީ ޔުނިޓުންނެވެ.

ރަޖޮއެލީނާ ބުނި ގޮތުގައި އޭނާ ފިއްލެވީ ބަޔަކު އޭނާ އަވަހާރަކޮށްލަން އުޅޭތީ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.