އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވުމަށް ބޭއްވި ބައްދަލުވުން ހޫނުވެގެން ހުއްޓާލައިފި

އ
29 ނޮވެމްބަރު 2025 00:261 މިނިޓުގެ ކިޔުން
Aa

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވުމަށް މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެގެން ހުއްޓާލައިފިއެވެ.

އެމްޑީޕީއަށް ވަގުތީ ޗެއާޕާސަނެއް އިންތިހާބުކުރަން ޖެހިފައިވަނީ، ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެމްޑީޕީގެ ހިންގާ ކޮމިޓީން ވަނީ، ވަގުތީ ޗެއާޕާސަން ހޮވުމުގެ ބާރު ގައުމީ މަޖިލީހަށް ދީފައެވެ.

ވަގުތީ ޗެއާޕާސަން ހޮވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި އެ މަގާމަށް ނަންތަކެއް ހުށަހެޅިއެވެ. އެގޮތުން ހުށަހެޅި ނަންތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އަރިސް ބޭފުޅެއް ކަމަށްވާ ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު (ވައްޑެ) އާއި މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިމޭޓް އަދި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމްގެ އިތުރުން ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު (ގަޕޯ)ގެ ނަން ފާހަގަކޮށްލެވެއެވެ.

ވަގުތީ ޗެއާޕާސަން ހޮވުމަށް ފުރަތަމަ އަހާފައިވަނީ ވައްޑެގެ ނަމަށެވެ. ވައްޑެއަށް 47 ވޯޓު ލިބުނު ނަމަވެސް، އިންތިހާބުވުމަށް މަދުވީ އެންމެ ވޯޓެކެވެ.

އެއާއެކު ގައުމީ މަޖިލިސް ބައްދަލުވުން ހޫނުވިއެވެ. ވައްޑެއަށް ތާއީދުކުރާ މެންބަރުން ދިޔައީ ވޯޓު ގުނުމުގައި އޮޅުވާލުންތަކެއް ހުރިކަން ފާހަގަކޮށް، އަޑުގަދަކުރަމުންނެވެ. އެހެންކަމުން އިތުރަށް ކުރިއަށް ނުގެންދެވިގެން މިރޭގެ ބައްދަލުވުން ނިންމާލިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.