އެއް ކޮޓަރީ ފުލެޓު މައްސަލައިގައި ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް

އ
5 ޑިސެމްބަރު 2025 14:29އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އެއް ކޮޓަރީގެ ފުލެޓުތައް ދޫކޮށްލުމުން އެހެން ހައުސިން މަޝްރޫއަކުން ފުރުސަތު ލިބޭގޮތަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު ރައްޔިތުންނާއެކު ރައީސް ރޭ ބޭއްވި ބައްދަލުވުމުގައި ބައެއް މީހުން ވަނީ އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް އެހެން ހައުސިން މަޝްރޫއުތަކުން ފުރުސަތު ނުލިބޭކަން ފާހަގަކޮށްފައެވެ. އެހެންކަމުން ބޮޑެތި އާއިލާތައް ވެސް އުޅެން މަޖުބޫރުވެފައިވަނީ އެ އެއް ކޮޓަރީގެ ފުލެޓުތަކުގައި ކަމަށް ބުންޏެވެ.

އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް އިތުރު ހައުސިން ސްކީމެއް ނުލިބޭ މައްސަލައިގައި ސީރިއަސްކޮށް ވިސްނަވާފައިވާ ގޮތެއް ހަމަޖަައްސަވާނެ ކަމަށެވެ.

ސަރުކާރު ތެރެއިން ޕޮޒިޓިވް ހައްލެއް ގެނައުމަށް މިހާރު ބަލަމުން އަންނަ ކަމަށާއި އެކަން ބެލުމަށްފަހު ގޮތެއް ނިންމުމަށްފަހު ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށެވެ. އަދި އެކަމަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލޭގައި މީހުން އާބާދުކުރުމަށް ފުރަތަމަ އެޅި ފުލެޓުތަކުގެ ތެރެއިން އެއް ކޮޓަރީގެ ފުލެޓު ލިބުނު ބައެއް މީހުންނަށް ހިޔާ މަޝްރޫއިން ވަނީ ފުލެޓު ލިބިފައެވެ. ނަމަވެސް އެމީހުން އެ އެއް ކޮޓަރީގެ ފުލެޓުތައް ދޫކޮށްލައިފައެއް ނުވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.