5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން އިތުރުވެއްޖެ

މ
15 ޑިސެމްބަރު 2025 14:32އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި އިތުރު 500 މީހުން ރަޖިސްޓްރީ ވެފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

އެންސްޕާ އިން ކުރިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދަކީ 14،412 އެވެ.

ނަމަވެސް އެންސްޕާ އިން އިއްޔެ ބުނި ގޮތުގައި މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު ވަނީ 14،938 އަށް އިތުރުވެފަ އެވެ. އެއީ 526 މީހުންގެ އިތުރުވުމެކެވެ.

އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އެ ކެޓަގަރީގައި 4،193 މީހަކު ހިމެނެ އެވެ. އެއީ 2،321 ފިރިހެނުންނާއި 1،872 އަންހެނުންނެވެ.

ދެން އެންމެ ގިނައީ މަލްޓިޕަލް ޑިސްއެބިލިޓީގެ މީހުންނެވެ. އެ ކެޓަގަރީގައި 3،372 މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ. އޭގެ ތެރޭގައިވެސް ގިނައީ ފިރިހެނުންނެވެ. އެއީ 2،166 މީހުންނެވެ. އަންހެނުންގެ އަދަދަކީ 1،206 އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ އެހެން ކެޓަގަރީތައް:

  • ނަފުސާނީ ނުކުޅެދުންތެރިކަން: 2،059 މީހުން

  • ވިސްނުމުގެ/ ސިކުނޑީގެ ނުކުޅެދުންތެރިކަން: 1،871 މީހުން

  • އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން: 1،785 މީހުން

  • ފެނުމުގެ ނުކުޅެދުންތެރިކަން: 1،014 މީހުން

  • އޯޓިޒަމް: 588 މީހުން

  • އުނގެނުމުގެ ނުކުޅެދުންތެރިކަން: 56 މީހުން

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.