މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގައި ދިހަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ދިހަ މީހުންގެ ތެރެއިން އެކަކު ކ. ހިންމަފުށިން ހައްޔަރުކޮށްފައިވާ އިރު، ތިން މީހަކު ހައްޔަރުކުރީ މާލެއިން ކަމަށެވެ. އަދި ދެން ހިމެނޭ މީހުން ހައްޔަރުކުރީ މާލެއިން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުން:
ލ. އިސްދޫ / ގުޑްލައިފް، މުހައްމަދު ހަސަން (59އ)
ސ. ހިތަދޫ / އުދަ، އަލީ އިރުފާނު އަހުމަދުދީދީ (26އ)
ސ. ހިތަދޫ / ނަންރީތިގެ، އަލީ ޝިރާޒު (38އ)
ހދ. ވައިކަރަދޫ / ޕެރިމްރޯޒް، އަބްދުﷲ ނާފިޒް (39އ)
ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުހައްމަދު އަލީ (42އ)
މ. މާލޭގެއާގެ / މާލެ، މުހައްމަދު ނުހާދު އަލީ (30އ)
ހއ. ކެލާ / ޕެނަމާ، މުހައްމަދު ސިމާދު (38އ)
ގދ. ފިޔޯރީ / ހީނާމާގެ، އަލީ އިމްރާން (38އ)
ގދ. ތިނަދޫ / ގުލްބަކާގެ، އަބްދުﷲ އިސްރާގު (19އ)
ކ. ހިންމަފުށި / މެޑޯޒް، މުހައްމަދު އިބްރާހީމް (49އ)
ފުލުހުން ބުނީ އެ މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގާފައިވާ މީހުން ކަމަށާއި އަދި އެތަނުން އެކަކު، ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާއަށް މުދާ ގަނެފައިވާ ކަމަށެވެ. އަނެއް ތިން މީހުންނަކީ އެކި މީހުން އޭޓީއެމްއަށް ގެންގޮސްގެން އެ މީހުން މެދުވެރިކޮށް އޭޓީއެމްއިން ފައިސާ ނެގުމަށްފަހު އެ ފައިސާތަކާ ހަވާލުވެފައިވާ މީހުން ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން 279،600 އަށްވުރެ ގިނަ ފައިސާ ނަގާފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުންނެވެ.
ފުލުހުން ބުނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގައި ގޭންގު ކްރައިމްއާއި ހިންމަފުށި ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދިހަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އިބްރާހީމް ފަސް ދުވަހަށް، މުހައްމަދު އަލީ އާއި މުހައްމަދު ހަސަން ހަތް ދުވަހަށް، އަލީ އިރުފާން އަހުމަދުދީދީ ދިހަ ދުވަހަށް އަދި އަނެއް ހަ މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.











ކޮމެންޓް