އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު

އ
27 ޖަނަވަރީ 2026 19:182 މިނިޓުގެ ކިޔުން
Aa

ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، އެސްއީޒެޑް ގާނޫނުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަލުން ކަނޑައަޅުއްވައިފިއެވެ.

އެކަން އިއުލާނުކުރެއްވީ މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވި ގަރާރަކުންނެވެ.

ރާއްޖޭގައި ގާއިމުކުރާ އެސްއީޒެޑްއެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން، ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން، އަހަރަކު އެއްފަހަރު ކަނޑައަޅައި އިޢުލާނު ކުރަންވާނެ ކަމަށް، އެސްއީޒެޑްގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އަދި އެގޮތުން ކަނޑައަޅާ ކޮންމެ ކަނޑައެޅުމެއް، ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ ކުރިން މުރާޖައާކޮށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އަލުން ކަނޑައަޅައި އިއުލާނު ކުރަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ 12 ގައި ރައީސް ނެރުއްވި ގަރާރުން ކަނޑައެޅި ކަނޑައެޅުން މުރާޖައާ ކުރެއްވުމަށްފަހު، ރާއްޖޭގައި ގާއިމުކުރާ އެސްއީޒެޑްއެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން، މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ގަރާރުގެ ބައެއްގެ ގޮތުގައި މި ގަރާރާ އެކުގައި ހިމަނައިފައިވާ ޖަދުވަލުގައިވާ ގޮތުގެ މަތީން، އަލުން ކަނޑައަޅައި އާންމުކޮށް ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން، އެސްއީޒެޑްގައި ހިންގިދާނޭ އިގުތިސާދީ މަސައްކަތްތައް ކަމުގައި ކަނޑައަޅުއްވާފައިވަނީ، ޖުމްލަ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދުގެ އިންވެސްޓްމަންޓްތަކާއި، ޖުމްލަ 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކެވެ.

ސްޓްރެޓީޖިކް އިންވެސްޓްމަންޓުތަކުގެ ތެރެއިން، އިންވެސްޓްމަންޓެއް ހިމެނޭގޮތުން ގާއިމުކުރުމަށް ހުށަހަޅާ ޖުމްލަ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓްގެ ތެރޭގައި ނުވަ ބާވަތެއްގެ އިންވެސްޓްމަންޓް ހިމަނުއްވާފައިވެއެވެ. އެއީ:

  • އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތައް.

  • ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން، ޑޮކިން ސާވިސަސް.

  • ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.

  • ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ޕާކް، އައި.ސީ.ޓީއާ ގުޅޭ ފެސިލިޓީތައް.

  • އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.

  • އިއާދަކުރަނިވި ހަކަތައިގެ ދާއިރާ.

  • ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް.

  • ފުޑް ސެކިއުރިޓީގެ ދާއިރާ.

  • ތެލާއި، ގޭހާއި، މިނަރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.

ޖުމްލަ 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގައި މިނިމަމް އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރު ހާއްސަކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓްތަކަށް ކަމަށްވެސް ގަރާރުގައި ކަނޑައަޅުއްވާފައިވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.