ރަށްރަށުގެ މީހުނަށް މާލޭން ގެދޮރު ލިބޭނީ މާލޭގެ ހުރިހާ މީހުނަށް ގެދޮރު ޔަގީން ކޮށްދިނުމަށްފަހު: ރައީސް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ފުރަތަމަ އަމާޒަކީ މާލޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމުގައި މީހަކު ވަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް މާލެ ސަރަހައްދުން ހިޔާވަހިކަން ލިބޭނެތޯ ރައީސްގެ އަރިހުގައި ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ހުރިހާ ރައްޔިތުންނަށްވެސް ފުރުސަތު ލިބޭނެ ކަމަށެވެ.

ނަމަވެސް މާލޭގައި ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށް ނުދެވި އެތައް އަހަރެއް ވެފައިވާތީ ފުރަތަމަ އަމާޒަކީ މާލޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

”މާލޭގެ ސަރަހައްދުގައި ބިން ހިއްކައިގެން ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދިނުމަކީ ފުރަތަމަ އަމާޒު. މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދިނުމަށްފަހު މުޅި ރާއްޖޭން މާލޭން ގެދޮރުވެރިކަން ލިބޭނެ،“ ރައީސް ވިދާޅުވި އެވެ.

ވެރިކަމުގެ ދައުރު ނިމޭއިރު ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.