ވިލިމާލޭގައި ހަދާ ޓާޝަރީ ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް ވަނީ ފަށާފައި: ރައީސް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ވިލިމާލޭގައި ހަދަން ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ހަދާ ހޮސްޕިޓަލް މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޗައިނާގެ ކަމާބެހޭ އިދާރާގެ ބޭފުޅުންނާއި ރާއްޖޭގެ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާ ގުޅިގެން ހޮސްޕިޓަލް ޑިޒައިން ކުރުމާއި ޓެކްނިކަލް މަސައްކަތް ކަމަށެވެ.

އަދި ހޮސްޕިޓަލް ހަދަން ބޭނުންވާ ބިންވެސް ކަނޑައަޅާފައިވާއިރު، ޑިޒައިނިން މަސައްކަތް ނިމުމާއެކު ހޮސްޕިޓަލް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ވިލިމާލޭގައި ސިއްހީ ހިދުމަތްތައްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި ވިލިމާލޭގެ ރައްޔިތުން ހިތްހަމަޖެހޭވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ހަދައިދޭނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.