މިފްކޯގެ ސީއީއޯ ޝަމާހު ސަސްޕެންޑްކޮށްފި

A
10 ޖޫން 2024 19:452 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ޝަމާހު ރަޝީދު ސަސްޕެންޑް ކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޝަމާހުއާ ގުޅޭ ގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅުން ހުރި މައްސަލައެއް އެ ބޯޑަށް ހުށަހަޅާފައިވާތީ، އެ މައްސަލަ ބަލައި ނިމެންދެން މިއަދުން ފެށިގެން 14 ދުވަހަށް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ޝަމާހުއާ ގުޅޭ 12 މައްސަލަ ޕީސީބީން ދަނީ ބަލަމުންނެވެ.

ބަލަމުން އަންނަ މައްސަލަތައް:

  • ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން

  • ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނު ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި އެހެން ޑިޕާޓްމެންޓުތަކަށާއި ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލުކުރުން

  • ކުންފުނީގެ މުވައްޒަފުން ނެގުމާ ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި ރަށްޓެހިންނަށް ބަޖެޓު ނެތް އިރުވެސް ވަޒީފާދިނުން

  • ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލައި ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމު ތަކަށް މީހުން ނެގުން

  • ހެޑު ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް، އެއްވެސް ޝަރުތުތަކަށް ބެލުމެއް ނެތި، އިއުލާނު ނުކޮށް މުވައްޒަފުން ނެގުމާއި އިޖުރާތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުން

  • އުސޫލުތަކާ ހިލާފަށް އެކަށީގެންވާ ތައުލީމާއި ތަޖުރިބާއެއް ނެތް ފަރާތްތައް ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން

  • ސީއީއޯ ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާ އިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާއި ކުންފުނި ހިންގުން ހަވާލުކުރުން

  • ކުންފުނީގެ އޮޓް ބިޑު ކޮމިޓީ ބަދަލުކޮށް، ބެސްޓްޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން އެކޮމިޓީއަށް ލުން

  • ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެކަމުގެ ބިރުދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުން

  • ރަސްމީ ބޭނުމެއްގައި ނޫންގޮތަށް ސީއީއޯގެ އާއިލީ ބޭފުޅުން އޮފީހަށް ގެނައުން

  • ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް، ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުމާއި ވަސީލަތްތަކަށް އެކްސެސް ވެވުން

  • ކުންފުނީގެ މާލީ ހާލަތު ހުރިގޮތަށް ނުބަލައި ސީއީއޯ ރާއްޖޭން ބޭރު ދަތުރުތައް ކުރުމާއި ދަތުރުކުރާ އިރު، ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރުތަކުގައި ބައިވެރިކުރުން

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.