ކަނޑުގެ ސަރަހައްދު ބަލަހައްޓަން ކަސްޓަމްސްގެ ހާއްސަ ސެކްޝަނެއް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ކަނޑުގެ ސަރަހައްދު ބަލަހައްޓަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ހާއްސަ ސެކްޝަނެއް އުފައްދައިފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި، ”މެރިޓައިމް ސަވެއިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން“ގެ ނަމުގައި އުފެއްދި އެ ސެކްޝަން ހިނގާނީ ޑައިރެކްޓްރޭޓް އޮފް އެންފޯސްމެންޓް އެންޑް ބޯޑާ ސެކިއުރިޓީގެ ދަށުންނެވެ.

އެ ސެކްޝަންގެ މެންޑޭޓް:

  • ޑުރަގާއި އެ ނޫންވެސް މަނާތަކެތި ތަކެތި ރާއްޖެއަށް އެތެރެކޮށް ބޭރުކުރުން ހުއްޓުވުމަށް ކަނޑުމަގުން އޮޕަރޭޝަންތައް ހިންގުން

  • ޑްރޯން ފަދަ އާލާތްތައް ބޭނުންކޮށްގެން ކަސްޓަމްސް ސަރަހައްދުތަކާއި ކަސްޓަމްސްގެ ކޮންޓްރޯލް ދަށުގައި ހުންނަ ކަނޑު އުޅަނދުފަހަރު މޮނީޓާކުރުން

  • ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަސްޓަމްސް އިން ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒު ކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން އޮޕަރޭޝަންތައް ހިންގުން

ކަސްޓަމްސްގެ އާ ސެކްޝަނަށް ހާއްސަކޮށް ވަކި ޔުނީފޯމަކާއި ލޯގޯ ފަރުމާކޮށްފައިވާއިރު، ސެކްޝަނަށް ބޭނުންވާ އުޅަނދުފަހަރާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެގޮތުން ޖަޕާން ސަރުކާރުން 30 ފޫޓުގެ ދެ ޕެޓްރޯލް އުޅަނދާއި 85 ފޫޓުގެ ޕެޓްރޯލް އުޅަނދެއް ދޭން ނިންމާފައިވާ ކަމަށް ބުންޏެވެ.

އަދި ސެކްޝަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، އާ ސެކްޝަންގެ މަސައްކަތަށް ބޭނުންވާ އުޅަނދާއި އެހެނިހެން ވަސީލަތް ހޯދުމަށް މިހާރު ވެސް ޗައިނާ އެމްބަސީ އިންނާއި އެމެރިކާގެ ”އެކްސްޕޯޓް ކޮންޓްރޯލް އެންޑް ރިލޭޓަޑް ބޯޑާ ސެކިއުރިޓީ“ގެ ފަރާތުން ޔަގީންކަން ލިބިފައިވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.