އިސްލާމިކް ޔުނިވާސިޓީގައި މަސައްކަތް ކުރާ ޑރ. ކުރްދީގެ އާއިލާ ގާޒާއިން ނެރުމަށް އައިއޭސީން ފައިސާ ދީފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި މަސައްކަތްކުރާ ފަލަސްތީނުގެ ޕްރޮފެސަރެއް ކަމަށްވާ ޑރ.ކުރްދީގެ އާއިލާ، ގާޒާއިން، މިސްރަށް ގެންދިޔުމަށް ކުރަން ޖެހޭ މަސައްކަތަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ފައިސާ ދީފިއެވެ.

އައިސޭސީން މިއަދު ބުނީ ޑރ.ކުރްދީއަށް ފައިސާ ހަވާލުކޮށްފައިވަނީ މިއަދު ކަމަށެވެ. އަދި ބުނީ ޑރ. ކުރްދީއާއި އޭނާގެ އާއިލާ މިސްރަށް އައުމުން، އެ އާއިލާ ރާއްޖެ ގެނައުމަށް ކުރަންޖެހޭ ހަރަދުތަށްވެސް އައިއޭސީން ކުރާނެ ކަމަށެވެ.

ޑރ. ކުރްދީގެ އާއިލާ މިހާރު ވަނީ ރަފަހްގައި ހުރި ކޭމްޕެއްގައެވެ. ގާޒާގައި އެމީހުން ދިރިއުޅެމުން އައި ގެ ބޮން އަޅައި ވަނީ ސުންނާފަތި ކޮށްލާފައިވާކަމަށް ޑރ. ކުރްދީ ބުނެފައިވެއެވެ.

ޑރ. ކުރްދީގެ ދަރިފުޅު ގޯފަންޑުގައި ބުނެފައިވަނީ މިސްރުގެ ޓްރެވަލް އެޖެންސީއެއް މެދުވެރިކޮށް، ރަފަހްއިން، މިސްރަށް މީހުން އެތެރެ ކުރެވެނީ މިހާރު ބޮލަކަށް 10،000 ޑޮލަރު ދައްކައިގެން ކަމަށެވެ. އަދި އެ އާއިލާގައި ހިމެނޭ އޭނާގެ މަންމަ އާއި ކޮއްކޮމެންނާ އެކު ރަފަހް އިން ނުކުތުމަށް، 54،000 ޑޮލަރު ބޭނުންވާ ކަމަށެވެ. މިހާރު އެ އާއިލާއަށް އެއްކުރެވިފައިވަނީ 517 ޑޮލަރު ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އައިއޭސީން ވަނީ ދިވެއްސަކަށް ނިސްބަތްވާ އާއިލާއެއްގެ ހަތް މެމްބަރުން މިސްރަށް ގެންދިޔުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.