ޖުލައި 6, 2024

ސޯލިހް ސަރުކާރުން މަހުގެ އަގު ބޮޑުކުރީ ހެޔޮނިޔަތެއް އޮވެގެން ނޫން: ޝިޔާމް

ނިމިދިޔަ އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުން މަހުގެ އަގު ބޮޑުކުރީ އެއްވެސް ހޮނިޔަތެއް އޮވެގެން ނޫންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައިވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ސިޔާސީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އޭގެ ސަބަބުން ދައުލަތަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން، މިދިޔަ އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި 250 މިލިއަން ރުފިޔާ ހޭދަކުރުމަށް ކަނޑައަޅާފައި އޮތް ނަމަވެސް މަހުގެ އަގަށް ގެނައި ބަދަލާއެކު އެ އަދަދު 500 މިލިއަން ރުފިޔާއަށް އިތުރުވެގެންދިޔަކަން ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން މަހުގެ އަގު ބަދަލުކޮށްފައިވަނީ 16 ސެޕްޓެމްބަރުގައި ކަމަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ 9 ސެޕްޓެމްބަރުގައި ކަމަށާއި، ދެވަނަ ބުރުގެ ވޯޓުލުން އޮތީ 30 ސެޕްޓެމްބަރުގައިކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އޭރު މަހުގެ އަގު ބޮޑުކުރީ އެއްވެސް ހެޔޮނިޔަތެއް ނެތި ސިޔާސީ ބޭނުމަކަށް ކަމަށެވެ.

ސޯލިހްގެ ސަރުކާރުން މަހުގެ އަގު ބަދަލުކޮށްފައިވަނީ 16ސެޕްޓެމްބަރުގައި. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮތީ 9 ސެޕްޓެމްބަރުގައި. ދެވަނަ ބުރުގެ ވޯޓުލުން އޮތީ 30 ސެޕްޓެމްބަރުގައި. މިއީސިޔާސީ ބޭނުމެއްގައި އޭރުކުރިކަމެއް. އެއްވެސް ހެޔޮނިޔަތެއް އޮވެގެން ކުރިކަމެއްނޫން.”ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކަރާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަން ރުފިޔާ ނުދީ ހުރިކަމަށާއި އެހެންނަމަވެސއ މިހާރު ކުރަމުންދަނީ އެ ބެކްލޮގް ފިލުވުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން މިހާތަނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު 270 މިލިއަން ރުފިޔާ ނުދެވިހުރިކަން ފާހަގަކުރެއްވިއެވެ. އަދި މަސްވެރިން ބޭނުންވަނީ އެ ފަރާތްތަކުން ކިރުވާ މަހަށްވާ ފައިސާ ވަގުތުން ވަގުތަށް ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށާއި ރައީސް ޑރ. މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެގޮތް ހެދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

 

 

Leave a Reply