ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށް، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު މިރޭ ތަސްދީގު ކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސް އެ ބިލު ތަސްދީގު ކުރެއްވީ ބަންޑާރަ ނައިބުގެ އެގޮތަށް ލަފާ ދެއްވުމުން ކަމަށެވެ.
އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަންޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކުރީ މި މަހުގެ 11 ގައެވެ. އަދި މި މަހު 13 ގައި އެ ބިލު ތަސްދީގު ކުރެއްވުމަށްޓަކައި ރައީސަށް ފޮނުއްވި އެވެ.
ނަމަވެސް ގާނޫނުއަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތުގައި ބިލު ތަސްދީގު ނުކުރައްވައި މިދިޔަ ހޯމަ ދުވަހު އެ ބިލާ މެދު މަޖިލީހުން އަލުން ވިސްނުމަށް އެދި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވި އެވެ.
އެހެންވެ މަޖިލީހުން ވަނީ އެ ބިލު ދެވަނަ ފަހަރަށް އިއްޔެ ފާސްކޮށްފަ އެވެ. އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 14 މެންބަރުން ވޯޓު ދެއްވި އެވެ. ބިލު އެެގޮތަށް ފާސްކުރުމުން ގާނޫނުއަސާސީ ބުނާ ގޮތުން ބިލް ތަސްދީގުކުރުން ރައިސުލްޖުމްހޫރިއްޔާއަށް ލާޒިމުވާނެ އެވެ.
ނަމަވެސް ނ. ހޮޅުދު ރޭ ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަޖިލިސް އިންތިހާބު އޮންނާނީ އިލެކްޝަންސް ކޮމިޝަނުން ކުރިން ވެސް ކަނޑައަޅާފައިވާ ތާރީހު ކަމަށްވާ އަންނަ މަހުގެ 17 ގައި ކަން ވަރަށް ހަރުއަޑުން ވިދާޅުވެފަ އެވެ.
އެހެން ވިދާޅުވުމަށްފަހު މިއަދު ހެނދުނު ކެނދިކުޅުދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރޯދަމަހު އިންތިހާބު ބޭއްވުމަކީ އެ މަނިކުފާނު ބޭނުންފުޅުވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެހެންވެ އިންތިހާބު ރޯދައިގެ ކުރިން ބޭއްވުމަށް މީގެ ކުރިން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވި ގޮތުގައި އެކަމަށް މަޖިލީހުން ރުހުން ނުދިނީ އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލް ތަސްދީގު ކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާކަމަށާއި ބަންޑާރަ ނާއިބު ދެއްވަވާ ލަފާފުޅަކާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ގުޅުންހުރި
އިމްރާން ހާން 14 އަހަރަށް، އަނބިކަނބަލުން 7 އަހަރަށް ޖަލަށް
ވިލިމާލޭގައި މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަތް ދިވެއްސަކު ސަލާމަތްކޮށްފި
މިސްކިތް ތެރޭގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަނީ، ޝަހީމް ވިދާޅުވީ ފިޔަވަޅު
ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް
ބާރާއި ނުފޫޒުން ރައްޔިތުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ހަރާމް ކަމެކެވެ.
ސައިފް ނުރައްކަލުން ސަލާމަތްވެއްޖެ، ހާލު ދަނީ ރަނގަޅުވަމުން