ހުޅުމާލެ ފޭސް 2 ގައި މަލްޓި ޓާޝަރީ ސްޕެޝަލިޓީ ޓާޝަރީ ކެއާ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ގީލާ އެހެން ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޝަމްހީދު ވިދާޅުވީ, ރާއްޖޭގައި އެންމެ އާބާދީ ބޮޑު އެއް ސަރަހައްދަކީ ހުޅުމާލެ ކަމަށްވާއިރު, އެ ތަނުގައި ސަރުކާރު ހޮސްޕިޓަލެއް ނެތުމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޮތް ބޮޑު ތަކުލީފެއް ކަމަށެވެ. އެހެންވެ ހުޅުމާލެ ފޭސް 2ގައި ސަރުކާރުގެ ހޮސްޕިޓަލެއް އަޅަން ފެށޭނީ ކޮން ތާރީހެއްގައިތޯ އޭނާ ސުވާލުކުރެއްވި އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ, ހުޅުމާލެ ފޭސް 2ގައި ހަދަން ނިންމާފައިވަނީ 500 އެނދުގެ ހޮސްޕިޓަލެއް ކަމަށާއި އެ މަޝްރޫއުއަށް އިކޮނޮމިކް ކައުންސިލުންވެސް ހުއްދަ ދީފައިވާ ކަމަށެވެ.
މިހާރު ކުރިއަށްދަނީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކަމަށާއި އެގޮތުން ޓެކްނިކަލް ރިކުއަމަންޓްސް ކަނޑައެޅުމާއި ހިދުމަތްތައް ޕްލޭން ކުރުމާއި އިންޖިނިއަރިންގެ ފަރުމާތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ގީލާ އިތުރަށް ވިދާޅުވީ, އެ ހޮސްޕިޓަލަކީ އަންހެނުންނާއި ކުޑަކުދިންގެ ހާއްސަ ފަރުވާތަކާއި ކެންސަރު ބަލީގެ ފަރުވާގެ އިތުރުން ސުޕަ ސްޕެޝަލިސްޓް ގިނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ތަނެއް ކަމަށެވެ.











ކޮމެންޓް