ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީއަށް އެދި ހުޅަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލީ އެހިތެރިކަމަށް އެދި ހުށައެޅުމުގެ އެންމެ ފަހު ދުވަހަކީ 3 ޑިސެމްބަރު 2026ގެ މެންދުރުފަހު 2:00 އެވެ. މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ އެކަމަށް ހާއްސަކޮށްގެން "ވަންގަވް" ތެރޭގައި ގާއިމުކޮށްފައިވާ މީޑިއާއެޕް، https://mediaapp.one.gov.mv މެދުވެރިކޮށް ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކުރި އުސޫލުގެ ދަށުން މި އަހަރު ދޫކުރާ ޖުމުލަ އަދަދަކީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ކަމުގައިވާ 35,124,332 (35.1 މިލިއަން) ރުފިޔާ އެވެ. މި ފައިސާ ދޫކުރާނީ އެއް ޕޭމަންޓެއްގެ ގޮތުގައެވެ.
އެހީ ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ބެލުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި އެ މީޑިއާއެއް ހިންގަމުން އަންނަ މުއްދަތާއި މުވައްޒަފުންގެ އަދަދާއި ތައުލީމީ ފެންވަރާއި ތަޖުރިބާ ހިމެނެ އެވެ. ހަމައެހެންމެ އިދާރީ ނިޒާމު ރޭވިފައިވާ ގޮތާއި ބިޒްނަސް ޕްލޭނާއި ގެނެސްދެވޭ ކޮންޓެންޓުގެ ބާވަތްތަކަށް ވެސް މާކްސް ދެ އެވެ.
މީގެ އިތުރުން، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ފާއިތުވި ދެ އަހަރު ތެރޭ ފިޔަވަޅު އެޅި ކަމެއް އާންމުކޮށްފައިވާ ނަމަ، ކޮންމެ ފިޔަވަޅަކަށް ތިން މާކްސް އެޕްލިކޭޝަނުން އުނިކުރެވޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.
އުސޫލުގައިވާ ގޮތުން ކޮންމެ މީޑިއާއަކަށް ވެސް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެކެވެ. އެއް ފަރާތަކުން ގިނަ މީޑިއާ ހިންގި ކަމުގައި ވިޔަސް ގްރާންޓަށް ހުށަހެޅޭނީ އެންމެ މީޑިއާއަކަށެވެ. ކޮންމެ މީޑިއާއަކަށް ގިނަވެގެން ދެ މީޑިއަމް އިހުތިޔާރުކުރެވޭ އިރު، އެއް ބާވަތެއްގެ ދެ މީޑިއަމް ހިމެނުމުގެ ފުރުސަތެއް އުސޫލުގެ ދަށުން ނޯވެ އެވެ.











ކޮމެންޓް