3_Suspects_4_10d658b457

އޮފީހަކުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ އާއި ގިނަ އަދަދެއްގެ ޑޮލަރު ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

މ
24 ނޮވެމްބަރު 2026 15:001 މިނިޓުގެ ކިޔުން
Aa

މާލޭގައި ހިންގާ އޮފީހަކުން މިލިއަނަކަށްވުރެ ގިނަ ރުފިޔާއާއި ގިނަ އަދަދެއްގެ ޑޮލަރު ވަގަށް ނެގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި/ ފުއްޓަރު, އަހުމަދު ނާޒިމް (31އ) އާއި ރ. މަޑުއްވަރި/ މުޝްތަރީގެ, ހުސެއިން ސަބާހް (42އ) އަދި ރ. މަޑުއްވަރި/ ސްޓާލައިން, އާއިޝަތު ނަޝާޔާ (32އ) އެވެ.

މި މީހުންގެ ތެރެއިން ނާޒިމް ހައްޔަރުކޮށްފައިވަނީ މި މަހު 22 ވަނަ ދުވަހު އެވެ. އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 23 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ, އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލަ ހުށަހެޅީ 18 ނޮވެމްބަރު 2026 ވަނަ ދުވަހު ކަމަށާއި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ބެލިބެލުމުން އެ އޮފީހުން 1,252,505ރ. އާއި 11,470 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށައި, އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި, ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެ, އެ މީހުން ހައްޔަރުކޮށް, އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކުރުމުގެ ތެރެއިން 1,093,122 ރުފިޔާ އާއި 8845 އެމެރިކާ ޑޮލަރު ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނާޒިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. ދެން ތިބި ދެ މީހުންގެ ތެރެއިން ސަބާހް, 30 ދުވަހަށް ބަންދުކުރަން އަމުރުކުރި އިރު, ނަޝާޔާ ބަންދުކުރަން އަމުރުކުރީ ފަސް ދުވަހަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.