ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ މަގާމަށް ސަމީރު އައްޔަންކުރުމަށް މަޖިލީހުން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި، 57 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ މަގާމަށް ސަމީރު އައްޔަންކުރަން ނުފެންނަ ކަމަަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު މި އައްޔަންކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ސަމީރުގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވެސް ކުރިމަތިލެއްވި އެވެ.
އެ ދެބޭފުޅުންގެ ތެރެއިން ސަމީރަށް މަޖިލީހުގެ ރުހުން ހޯދުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް ކުރައްވާފައިވާ ސަމީރަކީ 2011 އިން 2022 ވަނަ އަހަރާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށްފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ސަމީރު އަދާކުރެއްވި އެވެ.
މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ސަމީރު މާސްޓާސް ޑިގްރީ ހެއްދެވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯގެ ދާއިރާއިންނެވެ.











ކޮމެންޓް