ފަންސަވީސް އަހަރަށްފަހު އަނެއްކާވެސް ފިލްމީ ދާއިރާއިން ރީކޯ މޫސާމަނިކް ފެނިގެންދާ ދިވެހި ފިލްމް "ކީއްވެ" މިރޭ ޕްރިމިއަރ ކުރާނެއެވެ.
ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ، ސްލޭމް ސްޓޫޑިއޯ އާއި، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ސިނަމާތަކަށް ގެންނަން ތައްޔާރު ކުރާ ފިލްމު "ކީއްވެ؟" ގެ ކުރިޔަށް އޮތް ތިން ޝޯގެ ޓިކެޓްވެސް މިހާރުވަނީ ވިކި ހުސްވެފައެވެ.
ފިލްމުގެ ފުރަތަމަ ޓްރެއިލަރ އޮކްޓޯބަރ 30 ގައި ލޯންޗްކޮށް ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވަނީ 31 އޮކްޓޯބަރުގެއެވެ.
އާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިހުސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ވާހަކަ، ޓްރެއިލަރގެ ޒަރީއާއިން ބެލުންތެރިންނަށް ކޮންމެވެސް ވަރަކަށް ސިފަކޮށްދީފައިވެއެވެ.
މިފިލްމުގައި މޫސަގެ އިތުރުން މަޝްހޫރު ތަރި، ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެން ދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކައަކީ އެހެން ދިވެހި ފިލްމް ތަކާއި ޚިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެކެވެ.
އަސްލަމް ރަޝީދު ޕްރޮޑިއުސްކުރާ ފިލްމަކީ 20 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފްގެ ވެސް އެނބުރި އައުމެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ތަޖުރިބާކާރު ޑައިރެކްޓަރ އީސާ ޝަރީފެވެ. އަދި އެގްޒެކްޓިވް ޑައިރެކްޓަރުންނަކީ ހުސެން ނޫރައްދީންއާއި އަލީ ޝާނިޒްގެ އިތުރުން ހުސެން މުނައްވަރު (ކިޑް) އެވެ.
އޮލިމްޕަސް ޓިކެޓް ކައުންޓަރ ގެ އިތުރުން، އޮންލައިންކޮށް މި ފިލްމްގެ ޓިކެޓް ބައްލަވައިގަނެވެއެވެ. މިގޮތުން މި ފިލްމްގެ ޓިކެޓް saturnstudio.mv/booking ވެބްސައިޓް މެދުވެރިކޮށް މިހާރު މި ފިލްމުގެ ޓިކެޓް ލިބޭނެއެވެ.
ކުލަގަދަ އިވެންޓަކާއި އެކު މި ފިލްމު ރަސްމީކޮށް ޕްރިމިއަރ ކުރާއިރު ސިޔާސީ މަސައްކަތުގައި މޫސާ މަނިކްއާއެކު އުޅުއްވި ބައެއް ބޭޅުން މިރޭގެ ހަފްލާގައި ބައިވެރިވެ ވަޑައިގަންނަވަނާނެއެވެ.











ކޮމެންޓް