ދެން ބާއްވާ ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާނެކަން ޔާމީން އިއުލާންކުރައްވައިފި

ދެން ބާއްވާ ރިޔާސީ އިންތިހާބެއްގައި ވެސް ވާދަ ކުރައްވާނެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އިއުލާނު ކުރައްވައިފި އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް މިއަދު ދެއްވި އިންޓަވިއެއްގައި ޔާމީން ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބައެއް ކަންކަމަށް ހައްލު ގެނައުމުގެ ފުރުސަތު ބޭނުންފުޅުވާ ކަމަށެވެ. ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ވެރިކަން ބޭނުންފުޅުވެގެން ނޫން ކަމަށާއި ގައުމުގައި ހުރި ކަންކަން ހައްލުކުރަން ކަމަށެވެ.

”އެންމެ ބޮޑު ކަމަކީ ފޯޅަވަހި ކަނޑުގެ ސަރަހައްދު ހޯދުމާ އަދި ހޯދޭ ކަމަށްވަންޏާ ފޯޅަވަހި ހޯދަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން. މި ސަރުކާރަށް އެއް އަހަރު ވެގެންދިޔައީ އިޓްލޮސްގައި ނެތް ސިޓީއެއް، ކުރީގައި ނިންމާފައި އޮތް ނިންމުމަށް ތިމަންނަމެން އިހުތިޖާޖު ކުރަމޭ ކުރީގައި ނިންމަވާފައި އޮތް ނިންމުން އެ އޮތީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ނިންމަވާފައޭ،“ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ދެން އެ މަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ އިންޑިއާގެ މިލިޓަރީ ރާއްޖެއިން ބޭރު ކުރުން ކަމަށެވެ. އެމަނިކުފާނު ނޫން އެހެން ބޭފުޅަކު އެ ދެ މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

”ދެން އޮތީ އިންޑިއާ އަސްކަރިއްޔާ މިތަނުން ބޭލުން. މި ދެ ކަންތައް ހައްލު ކުރުމަށްޓަކައި ވެސް އަޅުގަނޑު ބޭނުންވޭ ހިދުމަތުގެ ފުރުސަތެއް ލިބުން. އެއީ އަޅުގަނޑު ގަބޫލެއް ނުކުރަން ދެން ވަޑައިގަންނަވާ އެއްވެސް ބޭފުޅަކު މިކަންކަން ކުރައްވަފާނެކަމެއް. ހުރިހާ އެންމެންނަކީ ކޮމްޕްރޮމައިޒްޑް ބޭފުޅުން،“ ޔާމީން ވިދާޅުވި އެވެ.

އިންޑިއާގެ މިލިޓަރީ މީހުން މިހާރު ވެސް ރާއްޖޭގައި އެބަތިބި ކަމަށާއި އިންޑިއާ ސިފައިން ނެތް ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު ކަމަށް ޔާމީން ވިދާޅުވި އެވެ.

”ޔުނިފޯމުގައި ނެތިއްޔާ އިންޑިއާ މިލިޓަރީ ނެތީތޯ. ޔުނިފޯމް ނޫން އެހެން އެއްޗެއްގައި ތިބޭނެ ނޫންތޯ. ސަރުކާރުން މިކަހަލަ ބޮޑެތި ކަންކަމުގައި ދޮގު އެ ހަދަނީ. އަޅުގަނޑު މުތުލަގަށް މި ދަންނަވަނީ އެ ހަދަނީ ދޮގު. އިންޑިއާގެ އަސްކަރިއްޔާ މިތަނުގައި އެބަތިބި،“ ޔާމީން ވިދާޅުވި އެވެ.