ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާ، އިލެކްޓްރޯނިކް ޓެގް އެޅުވުމަށްފަހު ޖަލުން މިނިވަންކޮށްފިއެވެ.
ބެންކޮކްގެ ކްލޯން ޕްރެމް ސެންޓްރަލް ޕްރިޒަނުގައި އަށް މަސް ދުވަސް ހޭދަކުރެއްވުމަށްފަހު، ކޮރަޕްޝަނުގެ މައްސަލަތަކުގައި އިއްވި އެއް އަހަރުގެ ޖަލު ހުކުމުގެ ބާކީ ބައި ޕެރޯލްގެ ދަށުން ފުރިހަމަކުރައްވަން ދޫކޮށްލުމުން، ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ޝިނަވަޓްރާގެ އާއިލާއާއި އެތައް ސަތޭކަ ސަޕޯޓަރުންނެއް ވަނީ ޖަލު ދޮށަށް އެއްވެ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ތަކްސިން ބޮޑުވަޒީރުކަމުގެ ހުވާކުރެއްވީ 9 ފެބްރުއަރީ 2001 ގައެވެ. އޭނާގެ ވެރިކަމުގައި ”ތަކްސިނޮމިކްސް“ ގެ ނަމުގައި ތައާރަފުކުރި އިގުތިސާދީ ސިޔާސަތުތަކުގެ ސަބަބުން، ހާއްސަކޮށް ރަށްފުށުގެ ފަގީރުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯއްދެވިއެވެ. އޭނާއަކީ ތައިލެންޑުގެ ތާރީހުގައި އިންތިހާބުކުރެވުނު ސަރުކާރެއްގެ ފުރިހަމަ ދައުރެއް ނިންމެވި ފުރަތަމަ ބޮޑުވަޒީރުވެސް މެއެވެ.
ސެޕްޓެމްބަރު 2006 ގައި، ޝިނަވަޓްރާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކްގައި ހުންނަވަނިކޮށް، ތައިލެންޑުގެ އަސްކަރިއްޔާއިން ބަޣާވާތެއްކޮށް އޭނާގެ ސަރުކާރު ވައްޓާލިއެވެ. މިއީ އޭނާގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތަކާއި، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނެ ކުރެވުނު ދައުވާތަކާ ގުޅިގެން ކުރި ކަމެކެވެ.
ބަޣާވާތަށްފަހު ދުވަސްކޮޅަކު ގައުމުން ބޭރުގައި އުޅުއްވުމަށްފަހު 2008 ގައި އެނބުރި ވަޑައިގެންނެވި ނަމަވެސް، އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ދައުވާތަކުން ސަލާމަތްވުމަށްޓަކައި އެ އަހަރުގެ އޮގަސްޓް މަހު އަނެއްކާވެސް ގައުމު ދޫކޮށް ވަޑައިގެންނެވިއެވެ. އޭނާ ވަނީ 15 އަހަރު ދުވަސް ވަންދެން އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގައި އުޅުއްވައިފައެވެ.
އޮގަސްޓް 2023 ގައި ޝިނަވަޓްރާ ވަނީ ކުއްލި ގޮތަކަށް ތައިލެންޑަށް އެނބުރި ވަޑައިގެންފައެވެ. ވަޑައިގަތުމާއެކު، ކުރީގެ މައްސަލަތަކުގައި އިއްވާފައިވާ 8 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމަށްޓަކައި އޭނާ ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ. ނަމަވެސް ތައިލެންޑުގެ ރަސްގެފާނު މާހާ ވަޖިރަލޮންގްކޯން ވަނީ އެ ހުކުމް އެއް އަހަރަށް ލުއިކޮށްދެއްވައިފައެވެ.
ޖަލަށް ވަޑައިގަތްތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހިތުގެ މައްސަލަތަކެއް ދިމާވެގެން ކަމަށްބުނެ ހޮސްޕިޓަލުގެ ވީއައިޕީ ވިންގަށް ބަދަލުކުރެވުނު އިރު، މިނިވަންވުމާ ހަމައަށް ހަ މަސް ދުވަސް ހޭދަކުރެއްވީ ހޮސްޕިޓަލުގެ ވީއައިޕީ ސަރަހަށްދެއްގައެވެ.
މިއަދު ޝިނަވަޓްރާ ވަނީ ޕެރޯލްގެ ދަށުން ޖަލުން މިނިވަންވެފައެވެ. އެއް އަހަރުގެ ހުކުމުގެ ތެރެއިން އަށް މަސް ދުވަސް ފުރިހަމަކުރުމަށްފަހު، އޭނާގެ އުމުރާއި ސިއްހީ ހާލަތަށް ބަލައި ސަރުކާރުން ވަނީ އޭނާ ދޫކޮށްލަން ނިންމައިފައެވެ. ނަމަވެސް، ހުކުމުގެ ބާކީ މުއްދަތުގައި އޭނާ ހުންނަވަން ޖެހޭނީ އިލެކްޓްރޯނިކް އެންކަލް މޮނީޓަރެއް އަޅުއްވައިގެން، ސަރުކާރުގެ ބެލުމުގެ ދަށުގައެވެ.
މިވަގުތު ތައިލެންޑުގެ ވެރިކަން ކުރަމުންދަނީ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް އިސްވެ ހުންނަވާ ކޯލިޝަން ސަރުކާރަކުންނެވެ.








