ސެޕްޓެމްބަރ 21, 2024

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް ކާމިޔާބު، އިންޑަސްޓްރީގެ ކުރިއެރުމަށް މަގުކޮށައިދިން

އިމާރާތް ކުރުމުގެ ސިނާއަތާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ ދެވަނަ އެޑިޝަން ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ އެންޑޯސްމަންޓާއެކު މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމު ކޮށްގެން ބޭއްވި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް ނިންމާލީ މިދިޔަ އާދީއްތަ ދުވަހު މެންހަޓަން ބިޒްނަސް ހޮޓެލުގަ އެވެ.

މީޑިއަމް އިވެންޓްސް އިން ބުނީ އެ ފޯރަމްގެ ކާމިޔާބީއަކީ އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކާއި އެކި މުއައްސަސާތަކުގެ އިސް ފަރާތްތަކާއި ސަރުކާރުގެ ވަޒީރުންނާއި މަތީ ފަންތީގެ ބޭފުޅުން އެއްތަނަކަށް އެއްވެ ކުރެވުނު މަޝްވަރާތައް ކަމަށެވެ.

އެގޮތުން ފޯރަމްގެ ތެރެއިން މަސީން ވަނީ އިމާރާތްކުރުމުގެ ދާއިރާ ބާރުވެރިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ އާ ގިނަ މަސައްކަތްތަކެއްގައި އިސްނަގަން ތައްޔާރަށް އޮތްކަން ހާމަކޮށްފަ އެވެ.

އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ ”ސަސްޓެއިނަބަލް ވީކް“ އެއް ތައާރަފުކޮށް ”މަގޭ ސޯލާ“ ޕްރޮގްރާމެއް ފެށުމަށް ރާވާފައިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން ގެދޮރުވެރިންނަށް ސޯލާ ހަކަތަ ބޭނުންކުރުމަށް ބާރުއެޅުމާއި ހަކަތައިގެ އެހެން ވަސީލަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ފޯރަމްގައި އިމާރާތްކުރުމުގެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓަރުން ދެމި ތިބޭނެކަމުގެ ޔަގީންކަން ސަރުކާރުގެ މަންދޫބުން ދީފައިވާއިރު، ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް އެ ބޭފުޅުން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

މި އަހަރުގެ ފޯރަމްގައި ކަނޑުގެ ސިނާއަތާ ގުޅުންހުރި މުހިންމު މައުޟޫއުތަކުގެ މައްޗަށް ވިސްނުންތޫނު ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންދިޔަ އެވެ.

1. ފައިނޭންސް މެނޭޖްމަންޓް:

މި ޕެނަލް ޑިސްކަޝަންގެ ތެރޭގައި މުހިންމު މާލީ ސުވާލުތަކެއް ކުރެވުނުއިރު، އޭގެ ތެރޭގައި ލޯކަލް ކޮންޓްރެކްޓަރުންނަށް އިސްކަންދިނުމާއި ރަނގަޅަށް ފަންޑު ދޫކުރެވޭނެ ގޮތް ކަށަވަރުކުރުމަށް ގައުމީ މާލީ އޮނިގަނޑުން ވައުދުވެފައިވާކަން ހިމެނެއެވެ. އަދި ތައުލީމީ ނިޒާމަށް ފައިނޭންޝަލް ލިޓްރޭސީ އެޑިއުކޭޝަން އިންޓަގްރޭޓްކުރުމާއި ބައިނަލްއަގްވާމީ ކެޕިޓަލް ހޯދުމުގެ ފުރުސަތުތައް ހުޅުވާލުމަށް މާލީ ގާނޫނުތައް ޒަމާނީކުރުމާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އެހީތެރިވުމުގައި ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުންތަކުގެ ދައުރު ވެސް ޕެނަލުން ވަނީ ދިރާސާކޮށްފަ އެވެ.

މީގެ އިތުރުން ޖީޑީޕީއަށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކޮންޓްރިބިއުޝަން ދަށްވުމުން ކުރިމަތިލާންޖެހޭ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، މާލީ ނުރައްކާތައް ކުޑަކުރުމުގައި އިންޝުއަރެންސްގެ މުހިންމުކަން ބެލި އެވެ.

 

2. ދެމެހެއްޓެނިވި އުމްރާނީ ތަރައްގީ:

މި ޕެނަލް ޑިސްކަޝަންގައި ދެމެހެއްޓެނިވި އުމްރާނީ ތަރައްގީއަށް ހުރަސް އެޅޭ ސިޔާސަތުގެ ފަރަގުތަކާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީތައް ހިމެނޭ ގޮތަށް ސަސްޓެއިނަބިލިޓީގެ މުހިންމު ސުވާލުތަކަށް ވަނީ ހައްލު ހޯދައިދީފަ އެވެ.

އޭގެ އިތުރުން އިމާރާތް ކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި، ލޯކަލް ސޯސްޑް މެޓީރިއަލްސް ޕްރޮމޯޓްކުރުމާއި ޑްރެޖިންއަށް ދެމެހެއްޓެނިވި ގޮތެއްގައި ވިސްނުމާއި ދެމެހެއްޓެނިވި އުސޫލުތަކަށް އަމަލުކުރާ ޑިވެލޮޕަރުންނަށް ރިކޮގްނިޝަން ސިސްޓަމެއް ގާއިމުކުރުމުގެ ފުރުސަތު ވެސް މި ޕެނަލުން ވަނީ ބަލައިފަ އެވެ.

އަދި މާލެ ސިޓީގެ އިޖުތިމާއީ މައްސަލަތައް ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާއި މާލެ ސިޓީ ކައުންސިލުން ދެމެހެއްޓެނިވި ގޮތެއްގައި އަމަލުކުރަމުން އަންނަ ގޮތާއި މިހާރު ބާޒާރުގެ ޑިމާންޑްތައް ފުއްދުމަށްޓަކައި އިމާރާތްކުރުމުގެ ގާނޫނުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާބެހޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

 

3. ކޮމާޝަލް އެންޑް ސޯޝަލް ހައުސިން:

މި ޕެނަލް ޑިސްކަޝަންގައި ބޯހިޔާވަހިކަމާއި ކޮމާޝަލް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓުގެ މުހިންމު ކަންތައްތަކެއް ހިމަނާފައިވާއިރު، އޭގެ ތެރޭގައި ބޮޑެތި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ޑިވެލޮޕަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެ ކަންކަން އޮޕްޓިމައިޒް ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން އެސްއެމްއީތަކުގެ ޕްރެކްޓިކަލް ވެއާހައުސް ޕްލޭންތައް އެކުލަވާލުމާއި ބަޖެޓުގެ ދަތިކަމުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި އިމާރާތްކުރުމުގެ ގޮތްތައް ކަނޑައެޅުމާއި މިކަންކަމަށް އެއްބާރުލުން ދިނުމުގައި ސަރުކާރާއި ސްޓޭކްހޯލްޑަރުންގެ ދައުރާ ބެހޭގޮތުންވެސް މަޝްވަރާކުރި އެވެ.

އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިޔާދަކުރަނިވި ހަކަތައާއި ސްމާޓް ޓެކްނޮލޮޖީތައް ތަންފީޒުކުރުމާއި މާލެ ސަރަހައްދުގައި ވިޔަފާރީގެ އުމްރާނީ ތަރައްގީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ޕްރޮޖެކްޓްތައް ހިންގުން ހަރުދަނާކުރުމަށްޓަކައި ރެގިއުލޭޓަރީ ފްރޭމްވޯކްތައް މުރާޖައާކުރެވިދާނެ ގޮތްތައް ވެސް ޕެނަލުން ވަނީ ދިރާސާކޮށްފަ އެވެ.

 

4. ހިއުމަން ރިސޯސަސް އެންޑް ކެޕޭސިޓީ ބިލްޑިންގް:

މި ޕެނަލް ޑިސްކަޝަންގައި ކެޕޭސިޓީ ބިލްޑިންގެ ސަބަބުން ގައުމަށް ދިގު މުއްދަތަކަށް ކުރާ ނޭދެވޭ އަސަރުތަކާއި ތަމްރީނު ލިބިފައިވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ލިބޭނެ ގޮތްތައް ދެނެގަނެފައިވާއިރު މަތީ ތައުލީމަށްފަހު ޒުވާން ޖީލުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއެޅުމާއި އިމާރާތްކުރުމުގެ ސިނާއަތުގައި ވަޒީފާގެ ތަޖުރިބާގެ ޕްރޮގްރާމްތައް ހިންގުމާއި ދިވެހި ހުނަރުވެރިން ހިފެހެއްޓުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އޭގެ އިތުރުން، ޖަޕާނުގެ ތައުލީމީ ނިޒާމުގެ އެލިމެންޓްތައް ބަލައިގަތުމުގެ ގާބިލުކަމާއި އެފިޝަންސީ އާއި ޕްރޮފިޓެބިލިޓީގައި ހުނަރުވެރި މަސައްކަތްތެރިންގެ މުހިންމުކަމާއި ކޮންސްޓްރަކްޝަން ފަދަ ލޭބާ އިންޓެންސިވް ސެކްޓާތަކުގެ ތެރޭގައި ދިވެހި މުވައްޒަފުން އިސްކަންދީ ހިފެހެއްޓުމުގެ ސްޓްރެޓެޖީތަކާ ގުޅޭ ގޮތުން ޕެނަލިސްޓުން ވަނީ މަޝްވަރާކޮށްފަ އެވެ.