ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ގާއިމުކޮށް ނިންމައިފި އެވެ.
ހުރިހާ ރަށަކުން ނުވަތަ އަތޮޅުގެ ވެރިކަން ކުރާ ރަށުން އައިޑީ ކާޑުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ.
ރައީސްގެ އެ ވައުދުފުޅާއި އެއްގޮތަށް އެންމެފަހުން އައިޑީ ކާޑުގެ ހިދުމަތް ފަށައިފައިވަނީ ވ. އަތޮޅުގެ ވެރިކަންކުރާ ރަށްކަމަށްވާ ފެލިދޫގަ އެވެ. ރައީސް މިރޭ އެ ރަށަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އައިޑީ ކާޑު ހިދުމަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ރައްޔިތުންގެ މައުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ފެށީ 1984 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އެވެ. 2003 ވަނަ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ މަސައްކަތް ކޮމްޕިޔުޓަރުންކުރަން ފެށުމާއެކު ޕްލާސްޓިކް ކާޑަށް ބަދަލުވެ، 174 ކަލެކްޓިން ސެންޓަރު ގާއިމުކޮށް ހިދުމަތް ފޯރުކޮށްދޭން ފެށުނެވެ.
އައިޑީ ކާޑު ހައްދައިދިނުމުގެ ހިދުމަތް ރައްޔިތުންނާ ގާތުން މިގޮތަށް ދެމުން އައިސް، ފުރަތަމަ ފަހަރަށް އޮންލައިކޮށް އައިޑީ ކާޑު ހެދުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުއެވެ. ކޮވިޑު-19ގެ އަލަމީ ވަބާއާ ގުޅިގެން ބޭރަށް ނުކުތުން ބަންދުވެ، އައިޑީ ކާޑުގެ ހިދުމަތް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުއަށް ވެސް މަޖުބޫރުވިއެވެ. އެއާއެކު ކައުންސިލްތަކާއެކު ކުރިން ޑީއެންއާރުން ގެންގުޅެމުން އައި ގުޅުން ކެނޑި، އައިޑީކާޑަށް އެދި ހަމައެކަނި އޮންލައިންކޮށް ހުށައެޅޭ ގޮތަށް ބަދަލުވިއެވެ.

ގުޅުންހުރި
ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރާކަށް ނޫޅެން: ރައީސް
ފުލިދޫ ބިން ހިއްކައިދޭނަން، އެކަމު ކައުންސިލް ޖެހެނީ ބިން ހިއްކުމަށް އެދި
އަތޮޅު ކައުންސިލްތައް އުވާލާ ވާހަކައަކީ ދޮގެއް: ރައީސް
ނިންމުންތައް ނިންމާއިރު ރައްޔިތުންގެ އަޑުއެހުން މުހިންމު: ރައީސް
އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓަށް ރައީސް ގަތަރަށް
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު