afp_d8mm9ke

މިސްރުގެ ހައިވޭއެއްގައި ތެޔޮ ބައުޒަރެއް އެކްސިޑެންޓުވެ ބޮޑު އަލިފާނުގެ ހާދިސާއެއް, 31 މީހުން މަރުވެއްޖެ

މ
26 ނޮވެމްބަރު 2026 08:361 މިނިޓުގެ ކިޔުން
Aa

މިސްރުގެ ވެރިރަށް ކައިރޯ ނުވަތަ ގާހިރާގެ ބާރުބޮޑު ހައިވޭއެއްގައި ތެޔޮ ބައުޒަރެއް އެކްސިޑެންޓްވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި 31 މީހުން މަރުވެއްޖެ އެވެ.

މިސްރުގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އޯލްޑް ސިޓީ ސެންޓަރުގެ އުތުރުން އޮންނަ އަލްވަރާގް އަވަށުގެ ރިންގް ރޯޑްގެ ބައެއްގައި އިއްޔެ ހަވީރު ހިނގި އެ ހާދިސާގައި 21 މީހަކު ޒަހަމްވި އެވެ. އޭގެ ތެރެއިން ފިހިގެންނާއި ދުމުގެ އަސަރުކޮށްގެން ހާލުދެރަވި މީހުންނަށް ކައިރީގައިވާ ހޮސްޕިޓަލްތަކުން ފަރުވާ ދެމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް މި މައްސަލައިގެ ތަހުގީގުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ އަލް-އަހްރާމް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން, އަމިއްލަ ކޮންޓްރެކްޓަރަކަށް ނިސްބަތްވާ އެ ބައުޒަރު އެކްސިޑެންޓުވީ ހައިވޭ މަތިން ދަތުރުކުރަމުން ދަނިކޮށް، އޭގެ ކުރިމައްޗަށް ހައިވޯލްޓޭޖް ކޭބަލެއް ވެއްޓުމާ ގުޅިގެން ޑްރައިވަރަށް ކޮންޓްރޯލް ގެއްލުމުންނެވެ.

އަދި އަލިފާން އެހާ ބޮޑަށް ރޯވީ ބައުޒަރު ބަންޑުން ޖަހާލި ވަގުތު ކައިރީގައި ހުރި އުޅަނދުތަކަށް ޕެޓްރޯލް އެޅި, ބައުޒަރުގައި ރޯވި އަލިފާންގަނޑު ފެތުރިގެން ދިއުމުން ކަމަށް މިސްރުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ހާދިސާގައި ތެޔޮ ބައުޒަރު ކައިރީގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

މި ހާދިސާގެ ތަހުގީގެއް ފަށައި، މަރުވި މީހުންގެ ހަށިގަނޑުތަކުން ޑީއެންއޭ ސާމްޕަލް ނެގުމަށް ސަރަޙައްދީ ޕަބްލިކް ޕްރޮސެކިއުޓަރު ވަނީ އަންގަވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.